މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް 1.49 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ނެރުނު ތަފާސްހިސާބު ރިޕޯޓުގައި ހާމަކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 9.6 އިންސައްތައިގެ ކުރިއެރުމެކެވެ.
ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1.36 މިލިޔަން ފަތުރުވެރިންނެވެ. އަދި މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ފެބްރުއަރީ މަހުގައި ކަމަށާއި، އެ މަހު 200،000 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ނިމިދިޔަ ސެޕްޓެމްބަރު މަހު 132،799 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 1.4 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 130،967 ފަތުރުވެރިންނެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. މިގޮތުން ޗައިނާއިން 221،143 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ިރު، ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ. ރަޝިއާއިން 162،288 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ އިނގިރޭސިވިލާތުންނެވެ. އެ ޤައުމުން 126،332 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފަވެއެވެ.
ރިޕޯޓުގައިވާ ގޮތުން، މިހާރު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު 4،427 ފަތުރުވެރިން އާދެއެވެ. އަދި ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް 7 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ.
ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ 2 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ. މިހާރު ރާއްޖެއަށް ފަތުރުވެރިން އައިސްފައިވާ އަދަދ އަދަދަށް ބަލާއިރު، މި އަމާޒު ހާސިލްކުރަން ދެން ބޭނުންވަނީ 507،969 ފަތުރުވެރިންނެވެ.



