ރާއްޖޭގައި މިހާރު ވެސް އަށްރިސޯޓު ހިންގައި އަދި އަވަށްޓެރި ގައުމުތަކުގައި ލަގްޒަރީ ރިސޯޓްތަކުގެ މިލްކުވެރިކަމުގައި މަޝްހޫރު ސިންގަޕޫރުގެ ބިލިއަނަރު އޮންގް ބެންގް ސެންގްގެ މައްޗަށް ސިންގަޕޫރުގައި ރަސްމީކޮށް ދައުވާ އުފުލައިފި އެވެ. އުމުރުން 77 އަހަރުގެ އޮންގްގެ މައްޗަށް އުފުލާފައި ވަނީ އިންސާފަށް ހުރަސް އެޅުމާއި ދައުލަތުގެ މުވައްޒަފަކަށް ގަވާއިދާ ހިލާފަށް ހަދިޔާ ދިނުމުން ކުށް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާ އެވެ.
ކޮރަޕްޝަންގެ މައްސަލައިގައި އޮންގް ފުރަތަމަ ހައްޔަރުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. ނަމަވެސް ކަފާލާތުގެ ދަށުން ދޫކޮށްލާފައިވެ އެވެ. އެ ދައުވާތައް އުފެދިފައި ވަނީ ކުރީގެ މިނިސްޓަރު އިސްވާރާނަށް ފޯމިއުލާ ވަން ގްރޭންޑް ޕްރިގެ ލަގްޒަރީ ޓިކެޓާއި ފްލައިޓްތަކާއި ހޮޓަލުގައި ތިބުމުގެ ހިދުމަތް ފޯރުކޮށްދިން ކަމަށް ބުނާ ތުހުމަތުތަކުންނެވެ. އޭގެ ފަހުން އިސްވާރަން ވަނީ މި ހަދިޔާތައް ބަލައިގަތް ކަމަށް އިއުތިރާފު ވެފައެވެ.
އޮންގްގެ މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ނޮވެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާއިރު، ރިޝްވަތުގެ މައްސަލައިގައި އޭނާގެ ބައިވެރިވުން ބެލޭނެ އެވެ. ބޮޑެތި ކުންފުނިތަކާ ފުޅާ ދާއިރާއެއްގައި ގުޅުން އޮންނަ ވިޔަފާރިވެރިއެއް ކަމަށްވާ އޮންގް އަކީ ހޮސްޕިޓަލިޓީ އިންޑަސްޓްރީގެ މުހިންމު ފަރާތެކެވެ. އޭނާގެ ހޮޓެލް ޕްރޮޕަޓީސް ލިމިޓެޑް (އެޗްޕީއެލް) އިން ރާއްޖެއާއި ލަންކާގައި ފާހަގަކޮށްލެވޭ ބައެއް ރިސޯޓްތައް ހިންގާއިރު، އޭގެ ތެރޭގައި ގިލި ލަންކަންފުށި، ހޮލިޑޭ ރިސޯޓް ކަނޑޫމާ މޯލްޑިވްސް، އަދި ދެ ގައުމުގެ މަޝްހޫރު ފޯ ސީޒަންސް ރިސޯޓްތައް ހިމެނެ އެވެ.
ކޯވިޑް-19 ގެ ދުވަސްވަރު ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އޮންގްގެ އެޗްޕީއެލްގެ ދައުރު ވަރަށް ބޮޑެވެ.
އޮންގް އަށް ދައުވާ އުފުލާފައިވާއިރު، ވިޔަފާރީގެ ދުނިޔޭގައި އޭނާގެ ނުފޫޒާއި އޭޝިއާގެ ފަތުރުވެރިކަމާއި ހޮސްޕިޓަލިޓީ ސިނާއަތްތަކާ ގުޅުން ހުރި ކަންކަމަށް ބަލާއިރު، މި މައްސަލައަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފަ އެވެ.



