މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިދިޔަ ހަފުތާގައި އިޢުލާންކުރި ބޭރު ފައިސާއާ ބެހޭ ގަވާއިދާއި މަނީ އެކްސްޗޭންޖް ވިޔަފާރިއާ ބެހޭ ގަވާއިދުތަކުން ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ލިބި ، ރާއްޖޭގެ އިޤްތިޞާދަށް ފައިދާކުރާނެ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ގަވަރުނަރު މުނައްވަރު ވިދާޅުވީ މި އައު ގަވާއިދުތަކުގެ ސަބަބުން ރާއްޖޭގެ ފައިނޭންޝަލް ސެކްޓަރ ވަރުގަދަވެ، އިތުރު އިންވެސްޓްމަންޓްތަކަށް މަގުފަހިވެގެންދާނެއެވެ.
"މިސާލަކަށް 80 ވަރަކަށް ރިޒޯޓު މިހާރު އެބަހުރި ނޭޅި. އެ ރިޒޯޓުތަކަށް ލިބޭނެ ވޯކިންގ ކެޕިޓަލް ފައިސާ ވެސް ލިބިގެންދާނެ. ހަމަ އެގޮތަށް އެ ބޭނުންވާ އިތުރު އިންވެސްޓްމަންޓްތަކަށް ވެސް އިތުރު ފައިސާ ލިބިގެންދާނީ," މުނައްވަރު ވިދާޅުވިއެވެ.
ގަވަރުނަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިހާރު ރާއްޖޭގެ ފައިނޭންޝަލް ސެކްޓަރ ބަލިކަށި ކަމުން، ގިނަ ފަހަރަށް ލޯނު ނަގަން ޖެހެނީ ސިންގަޕޫރު ނުވަތަ ދުބާއީ ފަދަ ބޭރު ޤައުމުތަކުންނެވެ. ނަމަވެސް މި އައު ގަވާއިދުތަކާ އެކު، އިންޓަނޭޝަނަލް ފައިނޭންސިންގ ސެންޓަރުތަކެއް ރާއްޖެއަށް އައުމުގެ ފުރުޞަތު ބޮޑުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އިންޓަނންޓަނޭޝަނަލް ފައިނޭންސިންގ ސެންޓަރުތަކެއް އައިމަ ވާގޮތަކީ މި ތަންތަނަށް އަންނާނީ ވަރަށް ބޮޑެތި ހަމަ ވިޔަފާރި ކުރާ ބޭންކްތައް. އެ ބޭންކްތައް މެދުވެރިކޮށް އަޅުގަނޑުމެންގެ އިންޑަސްޓްރީއަށް ވެސް ފައިސާތަކެއް ވަދެގެން ދާނެ," މުނައްވަރު ވިދާޅުވިއެވެ.
މި އައު ގަވާއިދުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ދުވެލި އިތުރުވެ، ވިޔަފާރިތަކަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ގަވަރުނަރު އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ބޭރު ފައިސާގެ މުޢާމަލާތްތައް ފަސޭހަވެ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.



