ހަތިޔާރު އެޅި ބަޔަކު ހެއިޓީގެ ދިން ހަމަލާތަކެއްގައި މަދުވެގެން 70 މީހުން މަރުވެއްޖެއެވެ.
އާޓިބޮނައިޓް ސަރަހައްދުގެ ޕޮންޓް-ސޮންޑޭ ޓައުންގައި ދިން މިހަމަލާ އަކީ ގޭންގެއްގެ ބަޔަކު ދިން ހަމަލާ ތަކެއް ކަމަށް ހަބަރުތައް ބުނެއެވެ.
އިތުރު ދިހަވަރަކަށް މީޙުންނަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ އިއްޔެ ނޫން ކުރީ ދުވަހުގައި ދިން މި ހަމަލާގައި ގޭންގް މެމްބަރުން އޮޓޮމެޓިކް ރައިފަލް ހިފައިގެން މަގުތަކަށް ނުކުމެ ހަމަލާ ދީފައިވަނީ ފެންނަ ކޮންމެ މީހަކަށް އަމާޒުކޮށެވެ.
ދަނޑުވެރިކަމުގެ ބާވަތްތަކާއި ހާއްސަކޮށް ހަނޑޫ އުފެއްދުމުގައި މަޝްހޫރު އެ ސަރަހައްދުގައި ދިން ހަމަލާ އާއި ގުޅިގެން ރައްޔިތުން ތިބީ ބިރުވެރިކަމުގެ ތެރޭގައި ކަމަށް އެގައުމުގެ ނޫސްތަކުން ބުނެއެވެ.
ހެއިޓީގެ ބޮޑުވަޒީރު ގެރީ ކޮނިލް ނެރުއްވި ބަޔާނެއްގައި އެ ހަމަލާ ކުށްވެރި ކުރައްވައި ވިދާޅުވީ އެއީ މުޅި ހެއިޓީއަށް ދިން ހަމަލާއެއް ކަމަށެވެ. އޭނާ އިތުރަށް އިއުލާން ކުރެއްވީ "ބައިނަލްއަގްވާމީ ބައިވެރިންގެ އެހީތެރިކަމާއެކު ސަލާމަތީ ބާރުތަކުން މި ސަރަހައްދުގައި ސުލްހަ ގާއިމް ކުރުމަށް އިންޓަވެންޝަންތައް ވަރުގަދަ ކުރަމުންދާ" ކަމަށެވެ.
އެގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިތުރު ހަމަލާތަކެއް ދޭނެ ކަމުގެ ބިރު އޮތް އިރު، ކައިރީގައި އޮންނަ އައްސޭރިފަށުގެ ރަށެއް ކަމަށްވާ ސެއިންޓް މާކްގައި ހިމާޔަތް ހޯދުމަށް އެތައް ހާސް ރައްޔިތުންނެއް ވަނީ އެ ސަރަހައްދުން ފިލައިގެން ގޮސްފަ އެވެ.



