ވެލާ ސްޕޯޓްސް ކްލަބުން އިރުމަތީ އެފްސީ އަތުން 5-1 އިން މޮޅުވެ، އޭދަފުށީ ކަޕްގެ ތަށި ފުރަތަމަ ފަހަރަށް އުފުލާލައިފިއެވެ.
ފާއިތުވީ ދެއަހަރުގައި ވެސް ރަނަރަޕްކަން ހޯދި ވެލާ އިން މިފަހަރުގެ ތާރީޚީ ތަށި ހޯދިއިރު އެ ޓީމުގެ ތަރި އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ މުހައްމަދު ފާސިރު ނުވަތަ ފާއްޓެ ވަނީ ހަތަރު ގޯލު ޖަހާފައެވެ. އަނެއް ލަނޑު ޖަހައިދިނީ އިޝާން އިބްރާހީމް (ސައްޓު) އެވެ.

ސަޕޯޓަރުންނާއެކު މުޅި ދަނޑު ފުރިފައިވާ ފައިނަލްމެޗުގެ ފުރަތަމަ ގޯލު ވެލާއިން ޖެހީ މެޗުގެ ދެވަނަ މިނެޓުގައި އިރުމަތީ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީ އަކުންނެވެ. މި ލަނޑު ޖަހައިދިނީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެ މެޗުގައި ހަތަރު ގޯލު ޖަހައިން ފާއްޓެއެވެ.
ފުރަތަމަ ހާފުގެ ފަހުކޮޅު އީސްޓް އެފްސީއިން ގޯލެއް ޖަހައި ފަރަގު ކުޑަކޮށްލިއެވެ. އެއީ އައްޒާމް އަބްދުﷲ (އެޑޫ) އެވެ. ނަމަވެސް ދެވަނަ ހާފުގައި ވެލާއިން އިތުރު 3 ލަނޑު ޖަހައި 5-1 ލަނޑުން މޮޅުވިއިރު އިރުމަތީ އެފްސީގެ އިމްތިސާލް އަބްދުއްރަހްމާން (ޕަބް) އަށް ވަނީ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ. އެއީ ވެލާގެ ކީޕަރަށް ގަސްދުގައި ކުރި ފައުލަކާއި ގުޅިގެންނެވެ.
ވެލާއިން މިފަހަރު ޗެމްޕިއަންކަން ހޯދިއިރު އެންމެ ގިނަ ގޯލު ވެސް މުބާރާތުގައި ޖަހާފައިވަނީ ވެލާގެ ކުޅުންތެރިއެކެވެ. އެ ޓީމުގެ ފާއްޓެ ވަނީ 9 ގޯލު ޖަހާފައެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައި، އެންމެ މޮޅު ފޯވާޑާއި، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އިތުރުން ފައިނަލްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ވެސް ލިބުނީ ވެލާގެ ފާއްޓެއަށެވެ. އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ލިބުނީ ވެލާގެ އަހުމަދު ޖައުޝަން އަބްދުﷲ އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމު ހޯދީ ވެލާ ސްޕޯޓްސްގެ ކޯޗު އަހުމަދު ނިޔާޒް (ނިޔާ) އެވެ.



