ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީތަށް އިތުރުކުރާ އޭޓީއާރު މަރުކާގެ ހަތަރު ވަނަ ބޯޓު މިއަދު ރާއްޖެ ގެނެސްފިއެވެ.
ފްރާންސްގައި އެ ބޯޓުގެ ޓެސްޓު ފްލައިޓުތައް ކުރިއަށް ގެންދިއުމަށްފަހު ބޯޓު ރާއްޖެ އައުމުން މަރުޙަބާ ކިޔުމަށްޓަކައި ޚާއްސަ ރަސްމިއްޔާތެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ކުރިއަށްގެންގޮސްފައެވެ. ބޯޓަށް މަރުޙަބާ ކިޔުމުގެ ގޮތުން ސަޤާފީ ބޮޑުބެރުގެ ހަރަކާތާއި ވޯޓާ ސެލިއުޓެއްވެސް ވަނީ ދީފައެވެ.
މޯލްޑިވިއަން އިން މިއަދު ގެނެސްފައިވަނީ 42-500 މަރުކާގެ ބޯޓެކެވެ. އެއާއެކު މިހާރު މޯލްޑިވިއަންގެ ފްލީޓުގައި ހިމެނެނީ އޭޓީއާރު-72ގެ ދެ ބޯޓާއި އޭޓީއާރު-42 މަރުކާގެ ބޯޓެކެވެ.
މޯލްޑިވިއަން އިން ބުނީ އެ ކުންފުނީގެ ހުރިހާ ބޯޓެއް އޭޓީއާރަށް ބަދަލުކުރަން ނިންމީ ކުރިންސުރެ ބޭނުންކުރަމުން އަންނަ ޑޭޝް-8 މަރުކާގެ ބޯޓުތައް ގިނަ ދުވަސްވެ، މެއެއިންޓެނެންސްގެ ޚަރަދު ބޮޑުވުމުން ކަމަށެވެ. އެގޮތުން އޭޓީއާރު މަރުކާގެ ސަބަބުން އުޅަނދުތަކަށް ބޭނުންވާ މެއިންޓެނަންސްގެ ޚަރަދުތައް ފުދޭ ވަރަކަށް ކުޑަވެގެންދާނެ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.
މޯލްޑިވިއަން އިން ވަނީ އޭޓީއާރް-42-600ގެ އިތުރު ދެ ބޯޓުވެސް ރާއްޖެ ގެނައުމަށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ނަމަވެސް އެ ދެ ބޯޓު އަދި ރާއްޖެ ގެނެސްފައެއް ނުވެއެވެ.
މޯލްޑިވިއަން އިން އޭޓީއާރު މަރުކާގެ ބޯޓުތައް އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރަމުން އަންނަ އިރު، ބޭރުގެ ދަތުރުތަކަށް ބޭނުންކުރަމުން އަންނަނީ އޭ320ގެ ބޯޓެވެ.
މޯލްޑިވިއަންގެ ފްލީޓުގައި މިވަގުތު 25 މަތިންދާބޯޓު އޮޕަރޭޓުކުރަމުންދެއެވެ. މީގެ ތެރޭގައި އެއަރބަސް 320 A މަރުކާގެ މަތިންދާބޯޓަކާއި އޭޓީއާރު މަރުކާގެ ހަތަރު މަތިންދާބޯޓާއި، ޑޭޝް 8 މަރުކާގެ 9 މަތިންދާބޯޓާއި، އަދި ޑޭޝް 6 މަރުކާގެ ޓްވިންއޮޓާރ 11 މަތިންދާބޯޓު ހިމެނެއެވެ.



