ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް އިތުރު ފުރުޞަތު ހުޅުވާލައިފިއެވެ.
ހައުސިންގ މިނިސްޓްރީން ބުނީ ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގުޅީފަޅަށް ބަދަލުވުމަށް އެ މިނިސްޓްރީން ހުޅުވާލި ފުރަތަމަ ފުރުޞަތުގެ ދަށުން، އެކަމަށް އެދި ހުށަހެޅުއްވި ފަރާތްތަކުގެ އަދަދަށް ރިއާޔަތްކޮށް، 2450 އަދި 2050 އަކަފޫޓުގެ ގޯއްޗަށް އެދި ހުށަހަޅުއްވާފައިވަނީ ގުޅީފަޅަށް ބަދަލުކުރުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދު އަދަދެއް ކަމަށެވެ. އެގޮތުން ގުޅީފަޅަށް ބަދަލުވުމަށް ހުށަހަޅުއްވާފައިވާ ރިކުއެސްޓްތަކަށް ބަލައި ގޯތި އިތުރުކޮށް، ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނެސްފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ބުންޏެވެ.
އެ ބަދަލާ ގުޅިގެން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް ހުޅުވާލާފައިވަނީ 1250 އަކަފޫޓުގެ 196 ގޯތި އަދި 1650 އަކަފޫޓުގެ 683 ގޯއްޗަށެވެ.
ހައުސިންގ މިނިސްޓްރީން ބުނީ ގޯތި ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން އެ މިނިސްޓްރީގެ ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ. އެގޮތުން އެކަމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 13 މެއި 2024 ވާ ހޯމަދުވަހުގެ ރޭ 23:00 ކަމަށް ހައުސިންގ މިނިސްޓްރީން މަޢުލޫމާތުދެއެވެ.



