ފުވައްމުލަކު ސިޓީގައި މަސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމް ހިންގުމާ ގުޅޭގޮތުން ކޮށްފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންދެވުނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމާއި ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާޢީލް ރަފީގްއާ ދެމެދު މަސްވެރިކަމުގެ ވުޒާރާގައި ބޭއްވުނު ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވި މައިގަނޑު ކަންތައްތަކުގެ ތެރޭގައި ފުވައްމުލަކު ސަރަޙައްދުން ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތައް އަލުން އެޅުމާއި، ފުވައްމުލަކުގައި ތުތި ބޯވާދިލަމަހުގެ މަސްވެރިކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ތަމްރީނު ދިނުން ހިމެނެއެވެ. މީގެ އިތުރުން، ފުވައްމުލަކު ސިޓީގައި ސްޕޯޓްސް ފިޝިންގ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.
މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށްޓަކައި މަސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަކީ މުހިންމު ކަމެއްކަމަށް ދެ ބޭފުޅުން އެއްބަސްވެވަޑައިގަތެވެ. ޚާއްޞަކޮށް، ޑައިމަންޑް ބެކް ސްކުއިޑް ނުވަތަ ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ރާއްޖެއަށް ތައާރަފްކޮށް ދިވެހިންނަށް މި ބާވަތުގެ މަސްވެރިކަން ކުރާނެގޮތް ދަސްކޮށްދިނުމަށް އިސްކަމެއް ދެވޭނެކަން މަސްވެރިކަމާބެހޭ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
މަސްވެރިކަމާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާގޮތުގައި، ތުތި ބޯވަދިލަމަހުގެ މަސްވެރިކަމަށް އޮންނަ މަޤްބޫލްކަން އިތުރުވަމުންދާއިރު، މިއީ ރަނގަޅު ނަފާއެއް ލިބޭނެ ދާއިރާއެކެވެ. އެހެންކަމުން، މި ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދޭނެކަން އެވުޒާރާއިން ބުންޏެވެ.
މި ބައްދަލުވުމަކީ ފުވައްމުލަކު ސިޓީގެ މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށާއި، އައު ވަސީލަތްތައް ތަޢާރަފްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެވެއެވެ.



