ޑެންގީ ހުމުގެ 600 އަށް ވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ މާޗު މަހުގެ 21 އިން ފެށިގެން މިއަދާ ހަމައަށް ޑެންގީ ހުމުގެ ޖުމްލަ 660 ކޭސް ފެނިފައިވާ ކަމަށެވެ. އެޗްޕީއޭ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެޕްރީލް މަހުގެ 28 އިން ފެށިގެން މެއި މަހުގެ 4 އާ ހަމައަށް އެކަނިވެސް ޑެންގީ ހުމުގެ 40 ކޭސް ވަނީ ފެނިފައެވެ.
އެޗްޕީއޭ އިން ބުނީ 189 ކޭސް އާއެކު އެންމެ ގިނައިން މި ބަލި ފެނިފައިވަނީ މާލެއާއި ހުޅުމާލެއިންނެވެ.
މަދިރީގެ ޒަރިއްޔާއިން ޑެންޖީ ޖެހެނީ ބަލި ޖެހިފައިވާ މީހެއްގެ ގައިން ލޭ ބުއިމަށްފަހު ބަލިނުޖެހޭ މީހެއްގެ ގައިގައި މަދިރި ހަފައިފިނަމަ އެމީހާގެ ހަށިގަނޑުގެ ތެރެއަށް ވައިރަސް ވާސިލްވެގެންނެވެ. މި ބަލި ޖެހުމުގެ އަލާމާތްތަކުގެ ތެރޭގައި ގައިގައި ރިއްސުމާއި، ގައިން ވަރު ދެރަވުމާއި، ހުން އައުމާއި، މޭނުބައިކޮށް ހޮޑުލުމާއި ބޮލުގައި ރިއްސުން ހިމެނެއެވެ.
މިދުވަސްވަރު ޗިކުންގުންޔާވެސް ހަލުވި ކަމާއެކު ފެތުރެމުން އަންނައިރު، މިހާތަނަށް ޗިކުންގުންޔާގެ 240 ކޭސް ފެނިފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ. އޭގެ ތެރޭގައި ގިނައީ މާލެ ސަރަޙައްދުން ފެނިފައިވާ ކޭސްތައް ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އެގޮތުން މާލެ ސަރަޙައްދުން ޗިކުންގުންޔާގެ 193 ކޭސް ފެނިފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭ އިން ބުނީ ޗިކުންގުންޔާ ޖެހުމުން ރައްކާތެރިވުމަށްޓަކައި މަދިރި ހެފުމުން ރައްކާތެރިވުމަށްވެސް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ. އެގޮތުން ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާގޮތަށް ފޭރާން ލުމާއި، ކުޑަދޮރު ފަދަ ތަންތަނުގައި މަދިރި ދާ ޖެހުމާއި، މަދިރި ގިނަވާ ވަގުތުތަކުގައި ދޮރާއި ކުޑަދޮރުތައް ލެއްޕުމާއި، މަދިރި ހެފުމުން ރައްކާތެރިވުމަށް މަދިރި ލޯޝަން ބޭނުންކުރުން ހިމެނެއެވެ.
މީގެ އިތުރުން ޗިކުންގުންޔާ ޖެހިއްޖެނަމަ ބައްޔަށް ފަރުވާކުރުމަށްޓަކައި ގިނަގިނައިން ދިޔާ އެއްޗެތި ބޭނުންކުރުމާއި، އަރާމުކުރުމާއި، ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުންކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.



