ފަތުރުވެރިކަމުގެ ދާއިރާގައި މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ރަޖިސްޓްރީވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުޅުވާލައިފިއެވެ. މި ފިޔަވަޅު އަޅާފައިވަނީ ފޮރިން އެކްސްޗޭންޖް ރޭޓްގެ ނިޒާމު ތަންފީޒުކުރުމަށްޓަކައި އޮކްޓޯބަރު 1 އިން ފެށިގެން އަމަލުކުރަން ފަށާ އައު ގަވާއިދާ ގުޅިގެންނެވެ.
އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ގޮތުގައި މީރާގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ފަރާތްތަކުން މި މަހުގެ 31ގެ ކުރިން "އެމްއެމްއޭ އެފެކްސް ޕޯޓަލް ރެޖިސްޓްރޭޝަން ފޯމް" މެދުވެރިކޮށް އެމްއެމްއޭގައި ރަޖިސްޓަރ ކުރަންވާނެއެވެ. އަދި އައު ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު މީރާގައި ރަޖިސްޓްރީކުރާ ފަރާތްތަކުން 30 ދުވަހުގެ ތެރޭގައި އެމްއެމްއޭގައި ރަޖިސްޓަރ ކުރަންވާނެއެވެ.
މި ގަވާއިދުގެ ދަށުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުން ރާއްޖެއަށް ވަންނަ ބޭރު ފައިސާ ބޭންކިން ނިޒާމަށް ޖަމާކުރުމަށް ލާޒިމްކުރެއެވެ. އޭ ކެޓަގަރީގެ ތެރޭގައި ހިމެނޭ ރިސޯޓުތަކާއި، ބޮޑެތި ހޮޓާތަކާއި ޓޫރިސްޓު އުޅަނދުތަކުން ކޮންމެ ފަތުރުވެރިޔަކަށް 500 ޑޮލަރުގެ ރޭޓުން ބޭންކަށް ރުފިޔާ މާރުކުރަން ޖެހޭނެއެވެ. އަދި ބީ ކެޓަގަރީގައި ހިމެނޭ ގެސްޓް ހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކުން ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރު މާރުކުރަން ޖެހޭނެއެވެ.
އެމްއެމްއޭއިން ބުނެފައިވާ ގޮތުގައި މިިފަދަ ފިޔަވަޅުތަކަކީ ދިވެހިރާއްޖޭގެ ފޮރިން އެކްސްޗޭންޖް މާކެޓް އިތުރަށް ފުޅާ ކުރުމަށާއި، ފޮރިން އެކްސްޗޭންޗޭންޖް ސިޔާސަތުތައް ފުރިހަމައަށް ތަންފީޒު ކުރުމަށް މުހިންމު ކަމެކެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މި ކަމަށް އެއްބާރުލުން ދިނުމަށް އެމްއެމްއޭއިން އެދިފައިވެއެވެ.



