އިޒްރޭލުން ފަލަސްތީނަށް ދެމުން އަންނަ ޙަމަލާތަކާއި ގުޅިގެން ފަލަސްތީނަށް ނަސްރު ނުލިބިގެން އުޅެނީ ދުޢާއެއް ނުކިޔައިގެން ނޫންކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ވަނީ ޤުނޫތުލް ނާޒިލާ ކިޔުން ހުއްޓާލާފައިވާކަން ފާހަގަކޮށް، އަލުން އެ ދުޢާ ކިޔަން ފެށުމުގެ ވިސްނުމެއް އިސްލާމިކް މިނިސްޓްރީގައި އެބަހުރިތޯ ސުވާލުކޮށްފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ޝަހީމް ވިދާޅުވީ ފަލަސްތީނަށް ނަސްރު ނުލިބިގެން އެއުޅެނީ ދުޢާއެއް ނުކިޔައިގެނެއް ނޫން ކަމަށާއި އެކަމުގައި ހައްލު ކުރަން ޖެހޭ އެހެން ކަންކަންވެސް އެބަހުރި ކަމަށެވެ.
ޝަހީމް ވިދާޅުނީ ޤުނޫތުލް ނާޒިލާއަކީ މުސީބާތްތަކާއި ކަންކަމާ ގުޅިގެން ކުރަން އޮންނަ ދުޢާއެއް ކަމަށާއި ދާއިމީ ގޮތެއްގައި އެ ދުޢާ ކިޔުން ދެމެހެއްޓުމަކީ ސުންނަތް ގޮތެއް ނޫން ކަމަށެވެ. އެގޮތުން ވަކި މުއްދަތެއް ވަންދެން އެ ދުޢާ ކިޔުމަށްފަހު މެދުކަނޑާލާފައި "ދެންވެސް ކިޔަން ޖެހުނީމާ ކިޔަން" އޮންނަ ކަމެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ އެ ދުޢާ ކިޔުން މެދުކަނޑާލާފައިވަނީ އިސްލާމިކް މިނިސްޓްރީ ތެރޭގައާއި އިލްމުވެރިންނާއެކު ވެސް މަޝްވަރާތައް ކޮށްފައި ކަމަށެވެ. އެގޮތުން ހަނގުރާމަ ފެށުމަށްފަހު ދުޢާ ކިޔުން ހުއްޓާލިއިރު ހަނގުރާމައޮތީ ކުރިން އޮތް ގޮތަށް ނޫން ކަމަށް ޝަހީމް ވިދާޅުވިއެވެ. ޝަހީމް ވިދާޅުވީ މުސީބާތް ބޮޑުވާ ހިނދު ޤުނޫތުލް ނާޒިލާ ކިޔުމަކީ ސުންނަތެއް ކަމަށާއި އެ ޤުނޫތު ނުކިޔުމުންވެސް ބަޔަކު ފާފަވެރި ވެގެން ނުދާނެ ކަމަށެވެ.
ޝަހީމް ވިދާޅުވީ އެކަންކަން އޮންނަން ޖެހޭނީ ނަމާދަށް އަންނަ މީހުންނަށްވެސް ތަކުލީފަކަށް ނުވާގޮތަށް ކަމަށާއި ދިގުކޮށް ދުޢާ ކުރުމާއި އަޑު ހަރުކޮށް ކިޔަވާ ހުރިހާ ނަމާދުތަކެއްގައި ދުޢާ ކިޔުމުގެ ސަބަބުން ބައެއް އިމާމުންނަށް ތަކުލީފުތަކާ ކުރިމަތިވިކަމަށެވެ.
ޝަހީމް ވިދާޅުވީ ފަރުޟު ނަމާދުތަކުގައި ޤުނޫތުލް ނާޒިލާ ކިޔުން މެދުކަނޑާލި ނަމަވެސް ޚުތުބާގައި ފަލަސްތީނަށް ދުޢާ ކުރުން ވަރަށް ބޮޑަށް އަންނަ ކަމަށެވެ. އަދި ފަލަސްތީނަށް އަޑު އުފުލުމުގައި ދިވެހިރާއްޖެ ފާހަގަކޮށްލެވޭކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ ބައިނަލްއަޤުވާމީ މައިދާނުގައި ފަލަސްތީނަށް ނަސްރު ހޯދުމަށް ދިވެހިރާއްޖެއިން ވަކާލާތު ކުރާ ކަމަށާއި، ފައިސާގެ އެހީ ހޯދުމަށް ވެސް ރާއްޖެއަކީ ނަމޫނާ ޤައުމެއް ކަމަށެވެ.
ޝަހީމް މިފަދައިން ވިދާޅުވެފައިވާއިރު ރާއްޖެއަށް އިޒްރޭލުން ފަތުރުވެރިން އައުން މަނާކުރުމުގައި ދިވެހި ސަރުކާރުން އަދި ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.



