ކުއްލި ހާލަތްތަކުގައި 911 ނަންބަރު ބޭނުންކުރުމާ ގުޅޭ މަޝްވަރާތައް އަދިވެސް ކުރިއަށްދާކަން ސަރުކާރުން ހާމަކޮށްފިއެވެ.
ކުއްލި ހާލަތްތަކުގައި އެއް ނަންބަރަކުން ޚިދުމަތްދެވޭ 911 ލައިން ގާއިމްކުރުމާ ގުޅޭ ގޮތުން ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު މިއަދު ކޯޑިނޭޝަން ބައްދަލުވުމެއް ބޭއްވުނުކަމަށާއި މި މަޝްރޫޢުގެ މަޤްޞަދަކީ ކުއްލި ހާލަތްތަކުގައި ރައްޔިތުންނަށް ލުއިފަސޭހަކޮށް އެއް ނަންބަރަކުން ޚިދުމަތް ފޯރުކޮށްދިން ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުންޏެވެ.
މި ޚިދުމަތް ތަޢާރަފުކުރުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު މަޝްވަރާކުރަން ފަށާފައިވާތާ ދުވަސްތަކެއް ވެއްޖެއެވެ. ރައްޔިތުންނަށް ދިމާވާ އިމަރޖެންސީ ހާލަތްތަކުގައި ސަލާމަތާއި ރައްކާތެރިކަމުގެ ޚިދުމަތްތަކަށް އެއް ނަންބަރަކުން ގުޅޭނެ ޤައުމީ ހެލްޕްލައިނެއް ޤާއިމްކުރުމާ ގުޅޭގޮތުން ސޯޝަލް ކައުންސިލަށް ހުށަހަޅާފައިވަނީ ޞިއްޙީ ވުޒާރާއިންނެވެ.
މި ހެލްޕްލައިން ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުންނެވެ. މި މަޝްރޫޢު ފުރިހަމަވުމުން، ރާއްޖޭގެ ރައްޔިތުންނަށް ކުއްލި ހާލަތްތަކުގައި އަވަސް އަދި ހަރުދަނާ ޚިދުމަތެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.



