ދިވެހިރާއްޖޭގައި ޤާއިމްކުރެވޭ އެންމެ ބޮޑު ވަޤުފް ޕްރޮޖެކްޓް މި އަހަރު ފަށާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޢުލޫމާތު ދެއްވަމުން ޝަހީމް ވިދާޅުވީ މި ސަރުކާރު ޤާއިމްވުމާއެކު އިސްލާމިކް މިނިސްޓްރީން އެންމެ މުހިންމުކަން ދިން އެއް ދާއިރާއަކީ އައުޤާފްގެ ނިޒާމް ޤާއިމްކުރުން ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ބަޔާންވެފައިވާ ގޮތަށް މަސައްކަތްތައް ކުރިއަށްދާކަމަށާއި، ދިވެހިރާއްޖޭގައި ޤާއިމްކުރެވޭ އެންމެ ބޮޑު ވަޤުފް ޕްރޮޖެކްޓް މި އަހަރު ފެށިގެންދާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ހުޅުމާލޭގެ 20000 އަކަފޫޓުގެ ބިމުގައި ވަޤުފް ޕްރޮޖެކްޓުގެ މަސައްކަތް ކުރުމަށް އިސްލާމިކް މިނިސްޓްރީގެ ނަމުގައި ބިން ރަޖިސްޓްރީ ކޮށްފައިވާކަމަށެވެ. ޝަހީމް ވިދާޅުވީ ވަޤުފް ޕްރޮޖެކްޓަކީ ވަރަށް ބޮޑު އޮފީސް ކޮމްޕެލްކްސް އެއް ކަމަށާއި އެތަނުގައި އޮފީސް ޖާގައާއި ހޯލާއި އިތުރު ވަސީލަތްތައް ޤާއިމްކުރެވިގެން ދާނީ ކުއްޔަށްވެސް ދޫކުރާ ގޮތަށް ކަމަށެވެ.
ޝަހީމް ވިދާޅުވީ 'ދާރުއް ސަލާމް އިސްލާމީ ކޮމްޕްލެކްސް' ނަމުގައި ކުރިއަށްގެންދާ މި ޕްރޮޖެކްޓުގެ ބިންގާ މި އަހަރު ތެރޭގައި އެޅި މަސައްކަތް ފެށިގެންދާނެ ކަމަށެވެ. ޝަހީމް ވިދާޅުވީ އެ ޕްރޮޖެކްޓު ކުރިއަށްގެންދިއުމަށްޓަކައި ކެބިނެޓް ފެންވަރުގައި ކުރަން ޖެހޭ މަޝްވަރާތައްކޮށް، ނަގަން ޖެހޭ ހުއްދަތައް ނަގާފައިވާ ކަމަށެވެ. އަދި އެތަން އެޅުމަށްޓަކައި ބޭނުންވާ ފައިސާ ބީއެމްއެލް ނުވަތަ އިސްލާމިކް ބޭންކުން ލޯނެއްގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފިނޭންސް މިނިސްޓްރީއާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ވަޤުފް ޕްރޮޖެކްޓަށް ގާތްގަނޑަކަށް 260 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށާއި، އެ ޕްރޮޖެކްޓް ކުރިއަށް ގެންދެވިއްޖެ ނަމަ އިސްލާމީ ކަންތައްތަކަށް ހުރި މާލީ ދަތިކަން ހައްލުވެގެންދާނެ ކަމަށެވެ.
ޝަހީމް ވިދާޅުވީ ވަޤުފްގެ އިތުރު އިމާރާތެއް މާލޭގައި ޤާއިމްކުރުމަށް މާލެއިން ރައީސުލްޖުމްހޫރިއްޔާ ބިމެއް ހަމަޖައްސަވައިދެއްވާފައިވާ ކަމަށެވެ. އެގޮތުން 'ދާރުލް އަރުޤަމް' ގެ ނަމުން ކުރިއަށްގެންދަން ނިންމާފައިވާ އެ ޕްރޮޖެކްޓުގެ މަސައްކަތްވެސް މި އަހަރު ފަހުކޮޅު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޝަހީމް ވިދާޅުވިއެވެ. ޝަހީމް ވިދާޅުވީ އެ ޕްރޮޖެކްޓުގެ ދަށުން މިހާރު ކުރަމުން އަންނަނީ އިސްލާމިކް މިނިސްޓްރީގެ ނަން މައްޗަށް ބިން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކަމަށެވެ.
ޝަހީމް ވިދާޅުވީ މާލެ ސަރަޙައްދުގެ އިތުރުން އަތޮޅު ތެރޭގައިވެސް ވަޤުފް މަޝްރޫޢުތައް ހިންގުމަށް ކައުންސިލްތަކާއެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.



