ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ބަދަލެއް ގެނެސްދޭނެ ދެ ޤަވާއިދެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ތަޢާރަފްކޮށްފިއެވެ. މި ދެ ޤަވާއިދުގެ ދަށުން، ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުން ލިބޭ ބޭރު ފައިސާ ރާއްޖޭގެ ބޭންކިން ނިޒާމަށް ޖަމާކުރުން ލާޒިމްކޮށްފައި ވެއެވެ.
މި އައު ޤަވާއިދުތަކަކީ 37 އަހަރު ކުރިން އެކުލަވާލެވުނު ބޭރުފައިސާއާބެހޭ ޤަވާއިދާއި މަނީ ޗޭންޖާބެހޭ ޤަވާއިދު އުވާލުމަށްފަހު އަލުން އެކުލަވާލެވުނު ދެ ޤަވާއިދެވެ. މި ޤަވާއިދުތަކުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަ ބޭރު ފައިސާގެ މިންވަރު އިތުރުކޮށް، ވިޔަފާރިތަކަށާއި އާންމުންނަށް ލިބޭ ބޭރު ފައިސާގެ ނިސްބަތް އިތުރުކުރުމެވެ. މި ޤަވާއިދުތައްވަނީ މިހާރު ގެޒެޓްކޮށް އާމުކޮށްފައެވެ.
އައު ޤަވާއިދުގެ ދަށުން، ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަން ދެ ގިންތިއަކަށް ބަހާލެވިފައިވެއެވެ.
- އޭ ކެޓަގަރީގައި ހިމެނޭ ރިސޯޓުތަކާއި، ބޮޑެތި ހޮޓާތަކާއި ޓުއަރިސްޓް އުޅަނދުތަކުން ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރުގެ ރޭޓުން ބޭންކަށް ރުފިޔާ މާރުކުރަން ޖެހޭނެއެވެ.
- ބީ ކެޓަގަރީގައި ހިމެނޭ ގެސްޓް ހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކުން ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން މާރުކުރަން ޖެހޭނެއެވެ.
އެމްއެމްއޭގެ ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި، މި ޤަވާއިދަށް ޢަމަލުކުރަން ފަށާތާ އެއް މަސް ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ޚިދުމަތްދޭ ފަރާތްތަކުން އެމްއެމްއޭގައި ރެޖިސްޓްރީކުރަންޖެހޭނެއެވެ. އަދި ކޮންމެ މަހެއްގައި ފޯރުކޮށްދޭ ޚިދުމަތުގެ ތަފްސީލް ޖެހިގެން އަންނަ މަހުގެ 28 ގެ ކުރިން އެމްއެމްއޭއަށް ހުށަހަޅަންޖެހޭނެއެވެ. މީގެ އިތުރުން، އެ ފައިސާ ތިން މަސްދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން ހުއްދަދެވިފައިވާ ބޭންކަކަށް ޖަމާކުރަން ޖެހޭނެއެވެ.
މި އައު ޤަވާއިދުތަކުގެ ސަބަބުން، ބޭންކުތަކަށް ބޭރު ފައިސާ ލިބުމުގައި މިހާރު ދިމާވާ ދަތިތަކަށް ހައްލެއް ލިބޭނެކަމަށް އެމްއެމްއޭއިން އުންމީދުކުރެއެވެ. އަދި އެކްސްޗޭންޖް ރޭޓް ސިޔާސަތު ތަންފީޒުކުރުމަށް ޓަކައި އެމްއެމްއޭ އިން ފޮރިން އެކްސްޗޭންޖް މާކެޓަށް ވިއްކަމުންދާ ބޭރު ފައިސާގެ އަދަދު އިތުރުކުރުމަށް ވެސް މި ޤަވާއިދުތަކުގެ ތެރެއިން މަގުފަހިވެގެންދާނެ ކަމަށް މަރުކަޒީ ބޭންކުން ފާހަގަ ކުރެއެވެ.
އެމްއެމްއޭއިން އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި;
އެ ބޭންކިންގ ނިޒާމަށް ވަންނަ ބޭރު ފައިސާގެ 60 އިންސައްތަ ކޮންމެ ހަފްތާއަކު އެމް.އެމް.އޭ އަށް ވިއްކަން ޖެހެއެވެ. މަޤްޞަދަކީ ބޭންކުތަކުގެ ބޭރު ފައިސާގެ ޑިމާންޑާ އެއްވަރަށް، މެދުނުކެނޑި ބޭރު ފައިސާ ފޯރުކޮށްދެވޭނެ ހަރުދަނާ ރިއެލޮކޭޝަން ނިޒާމެއް ޤާއިމުކުރުމެވެ. މި ނިޒާމުގެ ސަބަބުން ބޭންކުތަކަށް ބޭރު ފައިސާ ލިބުމުގައި މިހާރު ދިމާވަމުންދާ ގޮންޖެހުންތަކަށް ޙައްލެއް ލިބޭނެކަމަށް އެމް.އެމް.އޭ އިން ލަފާކުރެއެވެ.
މަނީ ޗޭންޖަރުންނާ ގުޅޭ ޤަވާޢިދަށްވެސް އެމް.އެމް.އޭ އިން ވަނީ އިޞްލާޙުތަކެއް ގެނެސްފައެވެ;
ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިއަށް ލައިސަންސް ދޫކުރުމުގައި ހަރުކަށި ޝަރުޠުތަކެއް ކަނޑައެޅުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި، ލައިސަންސް ދޫކުރެވޭ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮޒިޓެއްގެ ގޮތުގައި 50,000 އެމެރިކާ ޑޮލަރު ބެހެއްޓުން ހިމެނެއެވެ. އަދި މި ވިޔަފާރި ކުރުމުގެ ހުއްދަ ދެވޭނީ ހަމައެކަނި ދިވެހި ރައްޔިތުންނަށްކަން ޤަވާޢިދަށް ގެނެވުނު އިޞްލާޙުގައި ބަޔާންކޮށްފައި ވެއެވެ.



