ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަން ބޭނުންވާ ޝަކުވާތައް ހުށަހެޅުމަށް 20 ދުވަހުގެ މުއްދަތެއް އެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
މި ފުރުޞަތު ހުޅުވާލެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމާ އަލަށް ހަވާލުވެވަޑައިގެންނެވި އަލްއުސްތާޛް ޢައްބާސް ޝަރީފެވެ.
ޢައްބާސް ވިދާޅުވީ، މި ފުރުޞަތު ހުޅުވާލެއްވީ މަޤާމާ ހަވާލުވެވަޑައިގެންނެވި ފަހުން ގިނަ ބައެއްގެ ޝަކުވާތައް ނުރަސްމީކޮށް ލިބެމުންދާތީ ކަމަށެވެ. މި ޝަކުވާތައް ބެލުމަށް ރަސްމީކޮށް ޝަކުވާ ހުށަހެޅުމުގެ ނިޒާމެއް ޕީޖީ އޮފީހުގެ ވެބްސައިޓާއި އެކި ގޮފިތަކުގައި މިހާރު ޤާއިމުކޮށްފައިވާ ކަމަށް އައްބާސް ވިދާޅުވިއެވެ.
ޕީޖީ އޮފީހަށް އާންމުކޮށް ލިބެނީ ކުރިން ކޮށްފައިވާ ދަޢުވާތަކާ ގުޅުންހުރި ޝަކުވާތަކާއި، މައްސަލަތައް ލަސްވުމާއި ގިނަ ދުވަސްވެފައިވާ މައްސަލަތަކުގައި ލުއި ހޯދަން އެދޭ ޝަކުވާތައްކަން ޢައްބާސް ފާހަގަކުރެއްވިއެވެ. ޝަކުވާ ހުށަހަޅާއިރު ޝަކުވާ ބަލަންވީ ސަބަބު ސާފުކޮށް ބަޔާންކުރަންޖެހޭނެ ކަމަށާއި، ޝަކުވާތަކާ ގުޅިގެން އެއްވެސް ނިންމުމެއް ބަދަލުކުރައްވާނަމަ ސަބަބުތައް އާންމުކޮށް ޙިއްސާކުރައްވާނެ ކަމަށްވެސް ޢައްބާސް ވިދާޅުވިއެވެ.
އަމިއްލައަށް އެއްވެސް މައްސަލައެއް ރިވިއު ނުކުރައްވާނެ ކަމަށް ޢައްބާސް ވިދާޅުވެ، އޭގެ ސަބަބުން އުފެދިދާނެ ތުހުމަތުތަކުން ދުރުހެލިވާން ބޭނުންވާ ކަމަށް ވިދާޅުވިއެވެ. އަދި ޕީޖީ އޮފީހުގައި ހުރި ބައެއް މައްސަލަތައް ޙައްލުކުރުމަށް މަސައްކަތް ކުރައްވަމުންގެންދަވާނެ ކަމަށާއި، އެގޮތުން ސިސްޓަމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި ބައެއް އުޞޫލުތައް އިސްލާހު ކުރުން ހިމެނޭ ކަމަށްވެސް ޢައްބާސް ވިދާޅުވިއެވެ.
ޕީޖީ މަގާމުގައި 3 ހަފުތާގެ ތަޖުރިބާއަށްފަހު، ޕްރޮސެކިއުޝަންގެ ކަންކަން އެ އޮފީހުގައި ތަރުތީބުވެފައިވާ ކަމަށާއި އޮފީހުގެ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ރަނގަޅު ސިސްޓަމެއް ގާއިމުވެފައިވާ ކަމަށް ވެސް ޢައްބާސް ވިދާޅުވިއެވެ. އަދި މިވަގުތު އެ އޮފީހުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށްވެސް އިތުބާރު އޮތްކަން ފާހަގަކުރެއްވިއެވެ.



