މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ)ގެ ޗެއާޕާސަންގެ މަޤާމަށް އަބްދުﷲ މުއާޒް (މުއާ) ހޮވިއްޖެއެވެ.
އެމްއެފްއޭގެ ޗެއާޕާސަންގެ މަޤާމު ހުސްވުމުން އެ މަޤާމަށް ކުރިމަތި ލުމަށް ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 30 ގައެވެ.
އެމްއެފްއޭގެ ޗެއާޕާސަންގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމަށް ފެބްރުވަރީ މަހުގެ 16 ވަނަ ދުވަހު އިންތިޚާބުވި މުޙައްމަދު ނަޝީދު އޭގެ ދެ ދުވަސް ފަހުން ނިޔާވުމާ ގުޅިގެންނެވެ.
ސުންގަޑި ހަމަވިއިރު މުއާ ފިޔަވާ އިތުރު މީހަކު އެ މަޤާމަށް ކުރިމަތިލާފައި ނުވާތީ އިންތިޚާބެއް ނުބާއްވަން ކޮމިޓީން ވަނީ ނިންމާފައެވެ.
މުއާ ވަނީ 2015 ވަނަ އަހަރުން 2016 ވަނަ އަހަރާ ހަމައަށް އެމްއެފްއޭގެ ވައިސް ޗެއާމަންކަން ކޮށްފައެވެ. ފިލްމީ ދާއިރާގައިވެސް އެކި އެކި ކަންކަމުގައި އިސްކޮށް މުއާ މަސައްކަތް ކޮށްފައިވާއިރު، އޭނާ ވަނީ ނެޝަނަލް ސެންޓަރ ފޯ ދި އާޓްސް (އެންސީއޭ)ގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމުވެސް އަދާކޮށްފައެވެ.



