މާފުށީ ޖަލަށް ގާނޫނުގައި މަނާ ތަކެތި ވެއްދި މައްސަލައިގައި ޝާމިލްވާ ތިން މީހަކާއެކު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފި އެވެ. އެ ތިން މީހުންނަކީ
- ހދ. ނޭކުރެންދޫ، ތަރާނާގެ، ޢަލީ ނާޡިމް
- ގއ. ވިލިނގިލި، ކުއްޅަވައްގެ، މުޙައްމަދު ފަތޫޙު ފަތުޙުﷲ
- ނ. ލަންދޫ، ކާމިނީގެ، ޢަލީ އަސްފާޤު
ދައުލަތުން މި ތިން މީހުންނާއެކު އިއުތިރާފްގެ އެއްބަސްވުމަކަށް ދިޔުމުން އެމީހުންގެ އަދަބު ލުއިވާނެއެވެ. ސަބަބަކީ އިއުތިރާފު އެއްބަސްވުން ހެދުމުން ކަނޑައަޅާނީ އެއްބަސްވުމުގައިވާ އަދަބެކެވެ. އެމީހުންނާއި ދެކޮޅަށް ކުރާ ދައުވާއަކީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއާއި ނުޙައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދައުވާއެވެ.
ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައި ވަނީ މި މައްސަލައިގެ ތަހުގީގު އަދިވެސް ފުލުހުން ކުރިއަށް ގެންދާއިރު، ތަހުގީގު އެއްކޮށް ނިމުމުން ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.
ޖަލަށް މަނާ ތަކެތި ވެއްދި މައްސަލައިގައި ދެމީހެއްގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއާއި މަނީ ލޯންޑްރިންގެ ކުށުގެ ދަޢުވާއާއި ނުޙައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދަޢުވާ ވެސް ކުރެއެވެ. އެމީހުންނަކީ ކ. މާފުށި، ބީޗްހައުސް، ޢަލީ ހިޝާމް އާއި ރ. އުނގޫފާރު، އައިވަރީހައުސް، ޖިނާޙް ޢަބްދުއްރަޙީމް އެވެ.



