ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައަކީ ހުޅަނގު މޫސުން ފެށުމުގެ ގޮތުން ކުރާ ވިއްސާރަ ކަމަށެވެ. ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކުރިއަށް އޮތް 3 ދުވަހު ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ އިދާރާއިން ބުންޏެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ މޫސުން އަލިވާނެ ދުވަހެއް ދަންނަވަން ނޭނގޭކަމަށެވެ.
މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ބޯކޮށް ވާރެ ވެހުނު ނަމަވެސް ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުންޏެވެ. އަދި އުދައިގެ ނުރައްކަލެއް ކުރިމަތިވުމުގެވެސް ފުރުޞަތު ކުޑަކަމަށް އެ އިދާރާއިން ބުންޏެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަ ކުރާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ރާއްޖޭގެ ހުރިހާ ހިސާބަކަށް މިއަދު ވައިޓް އެލާޓް ނެރެފައެވެ.



