ރާއްޖޭގެ ބައެއް ރަށްތަކަށް މިރޭ ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭތީ، ސަމާލުވުމަށް ރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އިން އަންގައިފިއެވެ.
މިރޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނެފައިވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ގުގުރާނެ ކަމަށެވެ. ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ސަރަޙައްދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ބެލެވޭ ކަމަށްވެސް އެ އިދާރާއިން މަޢުލޫމާތު ދީފައިވެއެވެ.
މީގެއިތުރުން، މެޓް އޮފީހުން ބުނެފައިވަނީ އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ. ވިއްސާރަ ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
ކަނޑުގެ ޙާލަތާ ގުޅޭގޮތުން މެޓް އޮފީހުން މަޢުލޫމާތު ދިން ގޮތުގައި، އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެއެވެ. ނަމަވެސް އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ވިއްސާރަ ވިލާގަނޑުގައި ކަނޑުތައް ގަދަވުން އެކަށީގެންވާ ކަމަށްވެސް ބުންޏެވެ.
މި މޫސުމުގައި ރައްޔިތުން ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.



