ރާއްޖޭގެ މަސްވެރިކަމަށް ހާއްސަ ކޮލެޖު ގާއިމްކޮށް، މި އަހަރުގެ އޮގަސްޓުގައި ކިޔެވުން ފަށާނެ ކަމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން ބުނެފި އެވެ.
މަސްވެރިކަމަށް ހާއްސަ ކޮލެޖެއް ގާއިމްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެމަނިކުފާނު އެކަން އިއުލާންކުރެއްވީ މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.
އެމްއެންޔޫއިން އޮގަސްޓުގައި ފަށާ ކޯސްތަކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް ވިދާޅުވީ މާލޭގައި މަސްވެރިކަމަށް ހާއްސަ ކޮލެޖެއް ގާއިމްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މަސްވެރިކަމާ ބެހޭ ކުދި ކޯސްތަކާއި އެމްއެންޔޫއިން މިހާރު ވެސް ކިޔަވައިދެމުން އަންނަ މަސްވެރިކަމުގެ ކޯސްތައް އެ ކޮލެޖުން ކިޔަވައިދޭނެ ކަމަށެވެ.
މަސްވެރިކަމަށް ހާއްސަ ކޮލެޖެއް ގާއިމްކުރުމަށް ބޭނުންވާ އިދާރީ މަސައްކަތްތައް މި ސަރުކާރަށް ހިނގި ފުރަތަމަ 14 ހަފްތާގެ މުއްދަތުގެ ތެރޭގައި ވަނީ ކުރިއަށްގެންގޮސްފަ އެވެ.
އެ ކޮލެޖުގެ އިތުރުން މަސްވެރިކަން ކުރާ ކޮންމެ އޮޑިއެއްގައި ވެސް މަދުވެގެން އެއް ފަޅުވެރިޔަކު ރެސްކިއު ޑައިވަރެއްގެ ގޮތުގައި ތަމްރީން ކުރުމަށް ވެސް ސަރުކާރުން އަންނަނީ ޕްރޮގްރާމެއް ހިންގަމުންނެވެ.



