މީހަކު ކުރާ ކުށެއްގެ ނާޖާއިޒް ފައިދާ ނަގައި ވީޑިއޯކޮށް އެމީހާ ފަޟީޙަތްކުރުންފަދަ ކަންތައްތައް ނުކުރުމަށާއި، އެފަދަ ކަންތައް ކުރުމުގެ ސަބަބުން އެމަނިކުފާނުގެ އެޖެންޑާއަށް ހުރަސްތަކާ ކުރިމަތިލާން ޖެހޭނެކަން ދެހަވާގޮތަށް ރައީސް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ އިންތިޚާބީ މެމްބަރަކު ޝެއާކޮށްފައިވާ ޕޯސްޓުގައި ވަނީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިފައިޑް އެކައުންޓުގަިއވާ ޕޯސްޓެކެވެ. އެގައިވަނީ "މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒް ފައިދާ ނަގާ އެއްވެސް މަޤްޞަދެއްގައި ވީޑިއޯކޮށް ޢާއްމުންގެ ތެރޭގައި ފަޟީޙަތްކޮށް ހެދުމަކީ އަޚްލާޤީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ބަލާއިރު އެއްގޮތަކަށްވެސް ކޮޮށްގެންވާނެ ކަމެއް ނޫން! ކުށެއް ކޮށްފި މީހަކާމެދު ކަންކުރާނެ ގޮތް ޤާނޫނުގައި ބަޔާންކޮށްފައިވޭ. އެކަމަށް ފިޔަވަޅު އަޅަން މުއައްސަސާތަކާއި ޤާނޫނީ ނިޒާމް ޤާއިމްކޮށްފައިވޭ. ދީނީގޮތުންނާއި އިޖްތިމާޢީ ގޮތުން އޮންނަ ރިވެތި މިންގަނޑުތައް ދޫކޮށް ޤާނޫނުގެ ވެރިކަން އަމިއްލަ އަތްމައްޗަށް ނެގުމަކީ މުޖުތަމަޢުން ނައްތާލަން މިމަސައްކަތްކުރާ ބަދަލުހިފުމުގެ ރޫޙު ނައްތާލުމަށްވެސް އެޅޭ ހުރަހަކަށް ނޫނީ ނުވޭ! އަޅުގަނޑޫމެން އެންމެންނަކީ އޯގާތެރި، ކުލުނުވެރި، އަދި ޒިންމާދާރު މުޖުތަމަޢެއް ބިނާކުރުމުގައި ޒިންމާދާރު ބަޔަކަށް ވަމާތޯ؟"
ރައީސްގެ މި މެސެޖު ފޯރުކޮށްދެއްވި ވަގުތަކީ ޝޭޚް އިމްރާނުގެ ކާރުގައި މީހެއްގެ ޕިކަޕް ޖެހިގެން ފުލުހުން އަންނަންދެން މަޑުކޮށްލައިގެން ތިބި ވަގުތު އެތަނަށް އައި މީހަކު އިމްރާނަށް ޖެއްސުންކޮށް އިމްރާނުގެ އަގު ވައްޓާލުމަށް ވީޑިއޯކޮށް ސޯޝަލް މީޑިއާގައި ފެތުރި މައްސަލައާއި ގުޅިގެން އެކަމުގެ ޙަޤީޤަތް ހާމަކުރުމަށް އަދާލަތުޕާޓީން ނޫސްބަޔާނެއް ނެރެފައިވާ ދަނޑިވަޅެއްގައި ކަން ފާހަގަ ކުރެވެއެވެ.



