ރައީސުލް ޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ކުރައްވަމުންދާ ދަތުރުގައި ރޭ ހިތަދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ކުރިއަށް އޮތް އިންތިހާބުގައި ރައްޔިތުން ޕާރޓީ އަށް ވުރެ ބޮޑަށް އައްޑޫ ސިޓީއާމެދު ވަރަށް ބޮޑަށް ވިސްނަވައި، ސިޓީ އިސްކޮށްފިނަމަ އައްޑޫ ސިޓީގައި ކުރުމަށް ކަނޑައެޅިފައިވާ މަޝްރޫއުތައް ފަސޭހަކަމާއެކު މިފަސްއަހަރުތެރޭގައި ނިންމަވައިދެއްވާނެކަމަށެވެ. އައްޑޫ ސިޓީގެ ގިނަ ބަޔަކު ހާޒިރުވި މިބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ތަރައްގީ ގެނައުމަށް ބޭކާރު ކުރައްވާނެ އެންމެ ވަގުތެއް ނެތް ކަމަށާއި އައްޑޫ ސިޓީގައި ފެށުމަށްޓަކައި ވަރަށް ގިނަ މަސްރޫއުތައް ޕްލޭންކުރެވިފައި އެބަހުރިކަމަށެވެ. އެމަނިކުފާނު ވީ ވައުދުތަކާގުޅޭގޮތުން ވާހަކަދައްކަވަމުން އިތުރަށް ވިދާޅުވީ "އަޅުގަނޑު ވީ ކޮންމެ ވައުދެއް ފުއްދަން މިހިރީ ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކީ. އެ ފުއްދުމަށް ޓަކައި ރައްޔިތުން ދެއްވަން ހުރި ހުރިހާ އެއްބާރުލުމެއް ދެއްވުމަށް އަޅުގަނޑު މި އެދެނީ. ދެއްވީމަ ފުރިހަމައަށް ރަނުން ރަނަށް ހުރިހާ ވައުދެއް ފުއްދައިދޭނަން،" ކަމަށެވެ. އައްޑޫ ސިޓީގެ ކުރިމަގާގުޅޭގޮތުން އެމަނިކުފާނު ވިދާޅުވީ ގޮތްނިންމަވާނީ ރައްޔިތުން ކަމަށާއި "ޗޮއިސް" އޮތީ ރައްޔިތުންގެ އަތް މަތީގައި ކަމަށެވެ.ދެކުނު ޒޯންގެ މައިހަބަކީ އައްޑޫ ސިޓީކަމުގައި ހައްދަވައި ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވަމުން ރައީސް ވިދާޅުވީ މާލެއާއި އެއްފެންވަރަށް ނުވަތަ އެއަށްވުރެވެސް މަތީ ފެންވަރަށް އައްޑޫ ސިޓީ ތަރައްޤީ ކޮށްދެއްވާނެކަމަށާއި ކުރީގެ ސަރުކާރުތަކުން ދައުރުގެ ފަހުކޮޅަށް ބޮޑެތި މަސައްކަތްތައް ހިންގުމަށް ލަސްކުރާ ލަސްކުރުން ބަދަލުކުރައްވާ ވީހާވެސް އަވަހަކަށް ބޮޑެތި މަސްރޫއުތައް ފައްޓަވާނެކަމަށް ވިދާޅުވިއެވެ.


