ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ޕްރައިވެސީއާ ގުޅޭ ކަންކަން ބަލަހައްޓާ އެންމެ މަތީ ވޮޗްޑޯގުން ފޭސްބުކް، އިންސްޓަގްރާމް އަދި ވަޓްސްއެޕްގެ މައި ކުންފުނި މެޓާ 91 މިލިއަން ޔޫރޯ (101.5 މިލިއަން ޑޮލަރު) އިން ޖޫރިމަނާކޮށްފިއެވެ.
މި ޖޫރިމަނާ ކޮށްފައިވަނީ މެޓާއިން ބައެއް ޔޫސަރުންގެ ޕާސްވޯޑުތައް ހިމާޔަތްކުރުމަކާ ނުލައި ރައްކާކޮށްފައިވާތީއެވެ.
މި މައްސަލަ ފާހަގަވެފައިވަނީ މީގެ ފަސް އަހަރު ކުރިން އަޔަލޭންޑްގެ ޑޭޓާ ޕްރޮޓެކްޝަން ކޮމިޝަން (ޑީޕީސީ) އަށް މެޓާއިން ބައެއް ޕާސްވޯޑްތައް "ޕްލެއިން ޓެކްސްޓް" ގައި ރައްކާކޮށްފައިވާކަން އެނގުމާ ގުޅިގެންނެވެ. އެހިނދުން ފެށިގެން މި މައްސަލައިގެ ތަޙުޤީޤު ފެށުނެވެ.
އަޔަލޭންޑްގެ ޑީޕީސީގެ ޑެޕިއުޓީ ކޮމިޝަނަރު ގްރެހަމް ޑޮއިލް ވިދާޅުވި ގޮތުގައި ޔޫސަރުންގެ ޕާސްވޯޑުތައް ހިމާޔަތްކުރުމަކާ ނުލައި ރައްކާކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށް ގިނަ މީހުން ގަބޫލުކުރެއެވެ.
މި މައްސަލައާ ގުޅިގެން މެޓާގެ ތަރުޖަމާނަކު ބުނެފައިވަނީ 2019 ވަނަ އަހަރުގެ ސެކިއުރިޓީ މުރާޖައާ ކުރުމުގެ ތެރެއިން މި މައްސަލަ ފާހަގަކުރެވުމުން އެ ކުންފުނިން އެ ގޯސް ވަގުތުން ރަނގަޅު ކުރި ކަމަށެވެ. އަދި ޕާސްވޯޑުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފި ކަމުގެ ނުވަތަ ނުބައި ގޮތަކަށް އެ މަޢުލޫމާތަށް އެކްސެސް ކުރި ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށްވެސް މެޓާއިން ބުނެފައިވެއެވެ.
މި ޖޫރިމަނާއަކީ 2018 ވަނަ އަހަރު ތަންފީޒުކުރި ޖެނެރަލް ޑޭޓާ ޕްރޮޓެކްޝަން ރެގިއުލޭޝަން (ޖީޑީޕީއާރު) އާ ޚިލާފުވުމުން އީޔޫއިން މިހާތަނަށް މެޓާއަށް ކޮށްފައިވާ ޖުމްލަ 2.5 ބިލިއަން ޔޫރޯގެ ޖޫރިމަނާގެ ތެރެއިން އެއް ޖޫރިމަނާއެވެ. މީގެ ތެރޭގައި 2023 ވަނަ އަހަރު ރެކޯޑު އަދަދެއް ކަމަށްވާ 1.2 ބިލިއަން ޔޫރޯއިން ކުރި ޖޫރިމަނާވެސް ހިމެނެއެވެ.
މެޓާއިން މިހާރު ދަނީ އެންމެ ފަހުން ޖޫރިމަނާ ކުރި މައްސަލަ އިސްތިއުނާފު ކުރަމުންނެވެ.








