އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ޑިސިޕްލިނަރީ ފިޔަވަޅު އެޅުމަށް ފަހު ދެ މެޗަށް ސަސްޕެންޑްކޮށްފައިވާ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަނުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފި އެވެ. މި ސަސްޕެންޝަނަކީ މިމަހުގެ ކުރީކޮޅު ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާ ޗިލީ އާއި ކޮލަމްބިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ހިންގި ގޯސް އަމަލުތަކުގެ ސަބަބުން އެޅި ފިޔަވަޅެކެވެ.
އުމުރުން 32 އަހަރުގެ އެސްޓަން ވިލާގެ ކުޅުންތެރިޔާ، އަންނަ އޮކްޓޯބަރު މަހު އާޖެންޓީނާ ކުޅޭ ދެ ކޮލިފައިންގައި ނުކުޅެވޭއިރު، އެ ޓީމު ވާދަކުރާނީ ވެނެޒުއެލާ އާއި ބޮލީވިއާއާ ދެކޮޅަށެވެ.
މާޓިނޭޒް ޗިލީއާ ދެކޮޅަށް ކުޅުނު އެންމެ ފަހު މެޗަކީ ޖޫން މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް އެމެރިކާގައި ކުޅުނު ކޮޕާ އެމެރިކާ ކާމިޔާބުކުރުމަށްފަހު ބައިނަލްއަގުވާމީ ކުޅުމަށް އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗެވެ.
ކޮލަމްބިއާ މެޗުން އާޖެންޓީނާ ބަލިވި ފަހަރު ވެސް މާޓިނޭޒް ވަނީ ކޮލަމްބިއާގެ ނޫސްވެރިއަކު ގެންގުޅުނު ކެމެރާއަކަށް ގެއްލުންދީފައިކަން ފާހަގަ ކުރެވެއެވެ.



