ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި، ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ހާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަން ކުރައްވައިފިއެވެ.
ލެފްޓިނެންޓް ޖެނެރަލްގެ ރޭންކްގައި ހުރި އަބްދުއްރަހީމް އޭޕްރިލް މަސް ތެރޭގައި ރިޓަޔާ ކުރައްވާފައިވަނީ 39 އަހަރުގެ އިހްލާސްތެރި ހިދުމަތަށްފަހު، އުމުރުން 60 އަހަރު ފުރުމާއެކު ސިފައިންގެ ގާނޫނުގައިވާ ގޮތުގެ މަތިންނެވެ.
ހާރިޖީ ވުޒާރާއިން އެކްސްގައި ހިއްސާ ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އޭނާ ވަނީ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަން ކުރައްވާފައެވެ. މިގޮތުން އިއްޔެ ހާރިޖީ ވުޒާރާގައި އެމެރިކާގެ ސިފައިންގެ އިސް ބޭފުޅުންތަކަކާ އޮތް ބައްދަލުވުމެއްގައި އެ ވުޒާރާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އަބްދުއްރަހީމް ހިމެނެއެވެ.
ފެބުރުވަރީ 18 1985 ވަނަ ދުވަހު ސިފައިންގެ ހިދުމަތާ ގުޅިވަޑައިގެންނެވި ލެފްޓިނެންޓް ޖެނެރަލް (ރޓ) އަބްދުއްރަހީމްގެ ދިގު މުއްދަތުގެ ހިދުމަތާ ގުޅޭ ގޮތުން ރޭގެ ރަސްމިއްޔާތުގައި ވަނީ ވީޑިއޯ ޕްރެޒެންޓޭޝަނެއް ހުށަހަޅައިދީފައެވެ. ސިފައިންގެ ހިދުމަތުގައި އޭނާ ވަނީ ސިފައިންގެ ކުރިއެރުމާއި ތަރައްގީއަށްޓަކައި ސިފައިންގެ ތަފާތު ދާއިރާތަކުގައި އަގުހުރި ހިދުމަތްތަކެއް ކުރައްވާފައެވެ.
މީގެ ތެރޭގައި، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ކޮށްދެއްވާފައިވާ އިހުލާސްތެރި އަގުހުރި ހިދުމަތް ފާހަގަކޮށްލެވެއެވެ. އަދި ސިފައިންގެ ހިދުމަތުގައި ހޭދަކުރެއްވި މުއްދަތުގެ ތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރު އެތައް ތަމްރީނުތަކެއް ފުރިހަމަކުރައްވާފައިވާއިރު، އެމްއެންޑީއެފްގެ ވަރަށްގިނަ ސްޓާފް އެޕޮއިންޓްމަންޓްތަކާއި ކޮމާންޑް އެޕޮއިންޓްމަންޓްތައް ވަނީ ފުރުއްވާފައެވެ. އެގޮތުން، އަދާކުރައްވާފައިވާ ކޮމާންޑް އެޕޮއިންޓްމަންޓްތަކުގެ ތެރޭގައި ސިފައިންގެ އެކި ޔުނިޓްތަކުގެ ކޮމާންޑަރުކަމާއި، ކޯރ ކޮމަޑާންޓްކަމާއި އަދި އޭރިއާ ކޮމާންޑްގެ ކޮމާންޑަރުކަން ހިމެނެއެވެ. އަދި މީގެ އިތުރުން، ސިފައިންގެ ތަރުޖަމާންގެ މަގާމާއި އަދި އެމްއެންޑީއެފްގެ މާލީ ޒިންމާދާރުވެރިޔާގެ މަގާމު އަދާކުރައްވާފައި ވެއެވެ.



