އިސްރާއީލު ސިފައިން ފަލަސްތީނުގެ ޣައްޒާގެ އެތައް ހާސް ބަޔަކު ދިރިއުޅެމުންދާ ރަފަހަށް އެރުން ހުއްޓުވަން ރާއްޖެއިން ކުރެވެން އޮތް ކަމެއް ކުރުމަށް ސަރުކާރަށް ގޮވާލައި ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ސައްލެ)އެވެ.
މި މައްސަލަ ހުށަހަޅުއްވަމުން ސައްލެ ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިޒްރޭލުގެ ސިފައިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަށް އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ބައިނަލް އަގުވާމީ ގާނޫނުތަކާ ހިލާފަށް އަދި މުޅި ދުނިޔޭގެ އެތައް މިލިއަން މީހުންގެ އާދޭހަށް ބެލުމެއް ނެތި، އެއްވެސް ހަމައެއް ލަމައެއް ނެތި ރަފަހަށް އަރަން ތައްޔާރުވުމަކީ މުޅި ދުނިޔެ ކަންބޮޑުވާ އެތަށް ކަމެއް އެކުލެވިފައިވާ ކަމަށެވެ.
"އަދި އެކަމުގެ ސަބަބުން، ރަފަހްގައި މިހާރުވެސް ނިކަމެތި ހާލުގައި ދިރިއުޅެމުންދާ އެތައް ސަތޭކަ ހާސް ފަލަސްތީނު ރައްޔިތުން ނުރައްކަލުގެ ތެރެއަށް ވެއްޓޭނެ ކަމެއް ކަމަށް ބެލެވޭ. އަދި މި އުދުވާނުގެ ސަބަބުން ރަފަހްގައި ގަތުލުއާމެއް ހިނގާފާނެ ކަމުގެ ބިރު އުފެދިފައިވުމާއެކު، އިޒްރޭލުން މި ހިންގާ ޖަރީމާއަކީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ދެކޮޅު ހަދާ ކަމެއް.". އޭނާ ވިދާޅުވިއެވެ.
ސައްލެ އިތުރަށް ވިދާޅުވީ މިކަން ހުއްޓުވަން ރާއްޖެއިން ކުރެވެން އޮތް ކަމެއް ކުރުމަށް ސަރުކާރަށް ގޮވާލާކަމަށެވެ. މި ކުއްލި މައްސަަލަ ވަނީ 22 މެމްބަރުންގެ އިއްތިފާގުން މަޖިލީހަށް ބަލައިގެންފައެވެ.
ރަފަހްއަކީ 1.5 މިލިއަން މީހުން ބޯހިޔާވަހިކަން ހޯދަމުން އަންނަ ތަނެކެވެ. އެތަނަށް ނޭރުމަށް ބައިނަލްއަގުވާމީ އެކި އިދާރާތަކާއި ޖަމިއްޔާތަކުން ވަނީ އިސްރާއީލަށް އަންގާފައެވެ. އެފަރާތްތަކުން ބުނާގޮތުން އިސްރާއީލުން ރަފަހްއަށް އަރައިފިނަމަ އިންސާނީ ބޮޑު ކާރިސާއާ އަކާއި ކުރިމަތިލާން ޖެހިދާނެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އިސްރާއިލުގެ ޓޭންކުތަކުން ރަފަހް ބޯޑަރު ހުރަސްކުރާ ސަރަހައްދު ކޮންޓްރޯލް ވަނީ ނަގާފައެވެ. އަދި ރަފަހްއަށް އަމަޒުކޮށް ރޭ 50 ހަމަލާ ފޮނުވާލާފައިވާއިރު، އިސްރާއީލުގެ ޓޭންކަރުތައް ރަފަހްގައި ދަނީ ހަރަކާތްތެރިވަމުންނެވެ.



