ރާއްޖެއާއި ދުނިޔޭގެ އެހެން ގައުމުތަކާއި ގުޅުވައިދޭ އެންމެ މުހިންމު ތަނބަކީ ފަތުރުވެރިކަން ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ޒަމީރު މިފަދައިން ވިދާޅުވީ، ދުނިޔޭގެ ފަތުރުވެރިކަމާއި ބެހޭ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޒަމީރު ވިދާޅުވީ ފަތުރުވެރިކަމުގެ އިންޑަސްޓްރީއަކީ ހަމައެކަނި ރާއްޖޭގެ އިގްތިސޯދަށް މުހިންމުވާ ކަމެއް ނޫން ކަމަށެވެ. އޭގެ އިތުރުން ބައިނަލްއަގްވާމީ މައިދާނުގައި ގައުމުތަކާއި ގުޅުން ބަދަހި ކުރުމަށް ވެސް އެއީ ވަރަށް މުހިންމު ވަސީލަތެއް ކަމަށް ޒަމީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ތަފާތު ސަގާފަތްތަކުގެ ގައުމުތައް އެއްބައި ކުރުމުގައާއި އަމާންކަން ފެތުރުމުގައި ފަތުރުވެރިކަމުގެ ދައުރު ވަރަށް މުހިންމު ކަމަށް ވެސް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ. އަދި ރާއްޖެއިން މަސައްކަތް ކުރަމުންދަނީ ހުރިހާ އެންމެނަށް ވެސް ފައިދާވާނެ ގޮތަށް ފަތުރުވެރިކަން ކުރިއެރުވުމަށް ކަމަށް ޒަމީރު ވިދާޅުވިއެވިއެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1،463،507 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 104،275 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 3 އިންސައްތައިގެ އިތުރުވުމެކެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މުހިންމުކަމާއި، އެ ދާއިރާއިން ރާއްޖެއަށް ލިބެމުންދާ ފައިދާތައް އިތުރަށް ފާހަގަކޮށް އަދި ފަތުރުވެރިކަމުގެ ސަބަބުން ރާއްޖެއާއި ބޭރު ދުނިޔެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާކަން މިނިސްޓަރު ޒަމީރު ފާހަގަކުރެއްވިއެވެ.



