ހައްދުފަހަނަ އަޅާފައިވާ ޔަހޫދީންނާއި ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހަޅާފައިވާ މައްސަލައިގައި ދިވެހިރާއްޖެއިން ތަދައްޚުލް ވާން ނިންމައި އަންނަ މަހު ލިޔުންތައް ކޯޓަށް ހުށަހަޅަން ނިންމައިފި ކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.
ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއިއެކު މި ނިންމުން ނިންމިއިރު ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންދަވަނީ އދގެ ބައްދަލުުވުންތަކުގައި އިސްރާއީލް ދައުލަތުން ހިންގާ ޖަރީމާތައް ވަރަށް ބޮޑަށް ކުށްވެރި ކުރައްވައި ޢަދުލު އިންސާފުގެ ކުރިމައްޗަށް އިސްރާއީލުގެ އަނިޔާވެރި ދައުލަތް ގެންދިޔުމަށް ގޮވާލައްވަމުންނެވެ.
ޢާންމު މަޖިލީހުގައާއި އަދި ރޭ އޮތް ސެކިއުރިޓީ ކައުންސިލްގެ ޖަލްސާގައި ވެސް ރައީސުލް ޖުމްހޫރިއްޔާ ވަނީ ފަލަސްޠީނުގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ދުނިޔޭގެ ކޯޓުކަމަށް ބަލައިގެންފައިވާ އައިސީޖޭ އަށް އިސްރާއީލާއި ދެކޮޅަށް މައްސަލަ ހުށަހެޅީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހު އެފްރިކާއިންނެވެ.
ރޭ ރައީސުލް ޖުމްހޫރިއްޔާ ވަނީ އދ ގައި އެފްރިކާއަށް ދާއިމީ ގޮނޑިއެއް ހުންނަން ފެންނަ ކަމަށް ވެސް ވިދާޅުވެފައެވެ.
ރާއްޖެއިން މިމައްސަލައަށް ތަދައްޚުލްވުމަށް ލިއުންތައް ހުށަހަޅާނީ އަންނަ މަހުގެ ފުރަތަމަ ދުވަހު ކަމަށް ވާއިރު، މިމައްސަލައިގައި ރާއްޖެއިން އައިސީޖޭއަށް ކަނޑައަޅާފައިވާ އޭޖެންޓް އަކީ ދައުލަތުގެ ބަންޑާރަ ނައިބު ކަމަށް ސަރުކާރުން ބުނެއެވެ.



