ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ސުވާލު ދެންނެވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމަށް ކޮންމެ މީހަކަށްވެސް ސުވާލު ފޮނުވޭނެ ނިޒާމެއް ގާއިމުކުރަމުން އަންނަ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މިހާރު "ރައީސްގެ ޖަވާބު" ޕްރޮގްރާމްގެ ތެރެއިން ސުވާލު ކުރުމުގެ ފުރުސަތު އާންމުކޮށް ލިބެނީ ރައީސް އޮފީހުގެ މުވައްޒަފުން މަގުމައްޗަށް ނުކުމެ ސުވާލު ކުރާ މީހުންނާއި ރައީސް ވަޑައިގަންނަވާ ރަށްރަށުން ދިމާވާ މީހުންނަށް ކަމަށެވެ.
އެހެން ނަމަވެސް، ހީނާ ވިދާޅުވި ގޮތުގައި އެ ޕްރޮގްރާމްގެ ތެރެއިން ސުވާލުކުރުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް ލިބޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
"ހަމަހަމަ ފުރުސަތުތައް ހުރިހާ ފަރާތްތަކަށްވެސް ހޯދައި ދިނުމުގެ ގޮތުން، އަދި ހަމައެއާއި އެކީގައި ވީހާ ވެސް ގިނަ ފަރާތްތަކަށް ރައީސުލްޖުމުހޫރިއްޔާއާ ސުވާލު ކުރުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމުގެ ގޮތުން އަޅުގަނޑުމެން މިހާރު މި މަސައްކަތް ކުރަނީ ސުވާލުތައް ވީޑިއޯ މެދުވެރިކޮށް ރައީސުލްޖުމުހޫރިއްޔާގެ އޮފީހަށް ކޮންމެ ބޭފުޅަކަށް ފޮނުވޭނެ ނިޒާމެއް ގާއިމުކުރުމަށްޓަކައި،" ހީނާ ވިދާޅުވި އެވެ.
"ރައީސްގެ ޖަވާބު" ޕްރޮގްރާމާގެ އިތުރުން ސަރުކާރުން ސިލްސިލާކޮށް ބާއްވާ "އަހާ" ފޯރަމްގައި ވެސް ރައީސް އާއި ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތު އާންމުންމަށް ލިބެ އެވެ.



