ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އދ.ގެ ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ބާއްވަވާ އެކި ބައްދަލުކުރެއްވުންތަކުގައި ރާއްޖޭގެ އިޤްތިޞާދާއި ދިވެހި މަސްވެރިކަމަށް ހުރި ގޮންޖެހުންތައް ޙައްލުކުރެއްވުމަށް ވަރަށް އިސްކަމެއްދެއްވާކަމަށާއި، އެ ދަތިތަކަށް ޙައްލުތަކެއް ލިބޭނެކަމުގެ އުންމީދު ބޮޑުކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމް މިހެން ވިދާޅުވީ ސަރުކާރުގެ މީޑިއާއިން ގެނެސްދޭ "ދިވެހީންގެ އަޑު ދުނިޔެއަށް" ކަވަރޭޖުގައި ވާހަކަ ދައްކަވަމުންނެވެ.
އދ.ގެ އާންމު މަޖިލީހުގެ ހަވާސާގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ ޔޫރަޕިއަން ކޮމިޝަންގެ ރައީސް، އުރްސަލާ ވޮންޑެލެޔެންއާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިލާތުގެ ގައުމުތަކަށް ރާއްޖެއިން އެކްސްޕޯޓްކުރާ މަހުން ނަގާ ޓެރިފް ނުވަތަ ފީ ބޮޑުވުމާއި ގުޅިގެން ރާއްޖެއަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާކަމަށް ވިދާޅުވެ، އެކަމަށް ގެނެވޭނެ ޙައްލުތަކާގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
ޝިޔާމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ބައްދަލުވުންތައް ތަރުތީބު ކޮށްފައި ވަނީ މިވަގުތު ރާއްޖޭގެ ހާލަތު ބަދަލުކުރުމަށް އަދި ގޮންޖެހުންތައް ހައްލުކުރުމަށް އިސްކަން ދެއްވައިގެން ކަމަށެވެ. އޭގެތެރެއިން އެއް ބައްދަލުވުމަކީ އީޔޫ ކައުންސިލްގެ ރައީސްއާއެކު ބޭއްވި ބައްދަލު ކުރެއްވުންކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.
ޔޫރަޕްގެ އިއްތިހާދަށް ނުވަތަ ޔޫރަޕްގެ ޤައުމުތަކަށް ރާއްޖެއިން ބާނާ މަސް ބޭރުކުރާއިރު ވަރަށް ބޮޑު ޓެރިފެއް އޮތުމުގެ ސަބަބުން އެކަމުގެ ދަތިކަން އޮންނަތާ މިހާރު 12 އަހަރުވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި ޓެރިފް 22% އާއި 26% އާ ދެމެދުގައި ހުރިކަމަށާއި، މިއީ ދިވެހިރާއްޖޭގެ މަސްވެރި ސިނާޢަތަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަމަށް ޝިޔާމް ވިދާޅުވިއެވެ.
"12 އަހަރު ވީއިރު މިކަމަށް ހައްލެއް ނުލިބިއޮއްވާ، ރައީސުލްޖުމްހޫރިއްޔާގެ މިހާ ކުރީކޮޅު މިވަރުގެ ބޮޑު ޕްލެޓްފޯމްއަކުން ހަޤީގަތުގައި އީޔޫ ކައުންސިލްގެ ރައީސްއާ މި ބައްދަލުކުރެއްވި ބައްދަލުކުރެއްވުމުން ޚާއްސަކޮށް ދިވެހިރާއްޖޭގެ މަސްވެރި ސިނާއަތައް މަސްވެރި ސިނާއަތުގައި ތިއްބެވި އާއިލާތަކަށް ހަޤީގަތުގައި ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް އެ ހިތްހަމަޖެހުމަކީ." ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މި ބައްދަލުވުންތަކުން ރާއްޖެއަށް ދިމާވެފައިވާ މިފަދަ ދަތިތަކަށް ޙައްލެއް ލިބި، ބޮޑު ލުޔެއް ލިބޭނެކަމަށް އުންމީދުކުރައްވާކަމަށެވެ. އަދި މިއީ އެ މައްސަލަތަކާ ގުޅޭ މަޝްވަރާތައް އިތުރަށް ކުރިއަށްގެންދިއުމަށްޓަކައި ރާއްޖެއަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެއްގެ ގޮތުގައި ޝިޔާމް ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުންތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދާއި މަސްވެރިކަމުގެ ސިނާޢަތަށް އައު އުންމީދުތަކެއް ލިބިގެންދާނެކަމަށް ޝިޔާމް ވިދާޅުވިއެވެ. ޚާއްޞަކޮށް ޔޫރަޕްގެ ޤައުމުތަކަށް ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ޓެރިފް ކުޑަކުރުމަށް މަގުފަހިވެ، މަސްވެރިކަމުގެ ސިނާޢަތަށް ލިބެމުންދާ ގެއްލުން ކުޑަކުރެވޭނެކަމަށް އުންމީދުކުރެވޭކަމަށް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ރާއްޖޭގެ އިޤްތިޞާދީ އަދި މަސްވެރިކަމުގެ ދާއިރާއަށް އައު ފުރުޞަތުތަކެއް ހޯދައިދިނުމަށް މަގުފަހިކޮށްދޭނެ ދަތުރުފުޅެއްކަމަށް ވަޒީރު ޝިޔާމް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި މި ދަތުރުފުޅުގެ ނަތީޖާ ކުރިއަށް އޮތް ތަނުގައި ފެންނާނެކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.



