ރާއްޖެއިން "މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީ" ތަސްދީގުކޮށްފިއެވެ. އދ.ގެ މައި މަރުކަޒުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ރާއްޖެއިން މި މުއާހަދާ ތަސްދީގުކޮށް، އެކަމާ ބެހޭ ލިޔުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ ހަވާލުކުރައްވާފައެވެ.
މި މުއާހަދާ ތަސްދީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ ވަޒީރުންގެ މަޖިލީހަށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު މަޖިލީހުން ރުހުން ދެއްވުމުންނެވެ. އަދި މި އަހަރުގެ މެއި 13 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ވެސް މިކަމަށް ރުހުން ދެއްވާފަވެއެވެ.
މިނަމާޓާ ކޮންވެންޝަނަކީ ދިރޭރަހަ ނުވަތަ މާކިއުރީ އެކުލެވޭ އުފެއްދުންތަކުން ބޭރުވާ ނުރައްކާތެރި ވިހަ މާއްދާތަކުން އިންސާނުންގެ ސިއްހަތަށާއި ތިމާވެށި ރައްކާތެރިކުރުމުގެ މަގްސަދުގައި އދ. ގެ ތިމާވެއްޓާ ބެހޭ ޕްރޮގްރާމް، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް)ގެ ފަރާތުން 2013 ވަނަ އަހަރު އެކުލަވާލާފައިވާ ބައިނަލްއަގްވާމީ މުއާހަދާއެކެވެ. ރާއްޖެއިން މި މުއާހަދާގައި ބައިވެރިވެފައިވާއިރު، ރާއްޖެ ވެފައި ވަނީ މި މުއާހަދާގައި ބައިވެރިވި 150 ވަނަ ގައުމަށެވެ.
މި މުޢާހަދާ ތަންފީޒުކުރުމުން މާކިއުރީ ހިމެނޭ އާލާތްތައް ދް ދެނެގަނެ އެތަކެތި ފޭސް-އައުޓްކޮށް، އޭގެ ބަދަލުގައި ބޭނުންކުރެވޭނެ ޢާލާތްތައް ފާހަގަކޮށް، އެތަކެތި ނައްތާލުމުގައި ތިމާވެއްޓަށާއި އިންސާނުންގެ ސިއްހަތަށް ރައްކާތެރި މިންގަނޑުތަކަށް އަމަލުކުރަން ޖެހޭނެއެވެ. އަދި މުއާހަދާގައި ބައިވެރިވުމުން މިކަންތައް ތަންފީޒުކުރުމަށް މުޢާހަދާގެ ދަށުން މާލީ އެހީ ހޯދުމަށް ފުރުސަތު ލިބިގެންދާނެއެވެ.
ރާއްޖޭގައި މި މުއާހަދާގެ ފޯކަލް ޕޮއިންޓަކީ މިނިސްޓްރީ އޮފް ކްލައިމެޓްޗޭންޖް، އެންވަރަންމަންޓް އެންޑް އެނާރޖީއެވެ. މިނިސްޓްރީން 2019 އަހަރުގައި ވަނީ މިނަމާޓާ އިނިޝިއަލް އެސެސްމެންޓް ހަދައިފައިފައެވެ. އަދި 2021 ވަނަ އަހަރުން ފެށިގެން، ޖަޕާނުގެ ސަރުކާރުގެ އެހީގައި، މިނިސްޓްރީން ދަނީ ވައިގައި ހުންނަ މާކިއުރީގެ މިންވަރު ބަލަމުންނެވެ. މީގެ އިތުރުން، ޔުނައިޓެޑް ނޭޝަންސް އެންވަރަންމަންޓް ޕްރޮގްރާމްގެ މާކިއުރީ ޕްރޮޖެކްޓުގެ އެހީގެ ދަށުން މިނިސްޓްރީއިން ދަނީ ރާއްޖޭގެ ރައްޔިތުންގެ ހަށިގަނޑުގައި ހުރި މާކިއުރީގެ މިންވަރު ދެނެގަތުމަށް ދިރާސާއެއް ކުރަމުންނެވެ.
ދިރޭރަހަ، ނުވަތަ މާކިއުރީ އަކީ ދުނިޔޭގެ ސިއްހަތުގެ ޖަމިއްޔާއިން ކަނޑައަޅާފައިވާ އެންމެ ނުރައްކާތެރި 10 ކެމިކަލްގެ ތެރޭގައި ހިމެނޭ މާއްދާއެކެވެ. މާކިއުރީއަކީ "ޕަސިސްޓަންޓް" ނުވަތަ، އެ މާއްދާ ތިމާވެއްޓަށް ބޭރުވުމުން، މާހައުލުގައި ނެތިގެން ނުގޮސް ގިނަ މުއްދަތަކަށް ދެމިހުންނަ ކެމިކަލްއެކެވެ. އަދި މިއީ "ބަޔޯއެކިއުމިލެޓިވް" މާއްދާއަކަށްވާތީ، ދިރޭތަކެތީގެ ހަށިގަނޑުގައި ގިނަ ދުވަސްވަންދެން މި މާއްދާ އެއްވަމުންދާނެއެވެ.
މާކިއުރީ އިންސާނާގެ ހަށިގަނޑަށް އެންމެ އާންމުކޮށް ފޯރާނީ މާކިއުރީއިން ތަޣައްޔަރުވެފައިވާ މަސްމަހާމެހި ކެއުމުންނެވެ. މި ކެމިކަލްގެ ސަބަބުން އިންސާނާގެ ނާރުގެ ނިޒާމާއި، ހަޖަމްކުރާ ނިޒާމާއި، ދިފާއީ ނިޒާމަށް ނޭދެވޭ ގިނަ އަސަރުތަކެއް ކުރެއެވެ. މީގެ ސަބަބުން ކިޑްނީގެ މައްސަލަތަކާއި، ނާރުތަކުގެ މައްސަލަތައް ކުރިުރިމަތިވުމުގެ ފުރުސަތު އޮވެއެވެ.
މިނަމާމާޓާ ކޮންވެންޝަންގައި ރާއްޖެއިން ބައިވެރިވުމަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ރައްޔިތުންގެ ސިއްޙަތު ހިމާޔަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި މުއާހަދާގެ ދަށުން ރާއްޖެއަށް ލިބޭނެ އެހީތެރިކަމާއި މަޢުލޫމާތުގެ ބޭނުން ހިފައިގެން، މާކިއުރީގެ ނުރައްކަލުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިވެގެންދާނެއެވެ.



