މިރޭ މޫސުން ގޯސްވެދާނެތީ، ރާއްޖޭގެ މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ރައްޔިތުންނަށް ސަމާލުވުމަށް އިންޒާރު ދީފިއެވެ.
މިރޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.
މީގެ އިތުރުން އެޓް އޮފީހުން ބުނީ، ހުޅަނގާއި ހުޅަނގު އުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް ލަފާކޮށްފައެވެ.
"ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވޭ،" މެޓް އިން ބުންޏެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވެފައިވަނީ، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށެވެ.
މިފަދަ މޫސުމެއްގައި ކަނޑުދަތުރުފަތުރު ކުރާއިރު ފަރުވާތެރިވުމަށާއި، އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މެޓް އިން ވަނީ އާންމުންނަށް އިލްތިމާސް ކޮށްފައެވެ.



