އަނިޔާވެރި ގޮތަކަށް މަަރާލާފައިވާ ރ. މީދޫ، ފެންފިޔާޒުގެ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ހިމެނޭ އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރަން ހުށަހަޅައިފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ވިދާޅުވީ، އަނަސް މަރާލި މައްސަލައިގެ ދައުވާއިން ސަލާމަތްވި 7 މީހެއްގެ މައްސަލަ ހައިކޯޓުގައި މިއަދު އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ.
އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ކުރީ، ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒް އާއި ލ. ގަން ތުނޑީ، ނަންނާރިގެ ޖުނައިހު އަބްދުﷲ އާއި މ. ދިމިޝްގު އުސްމާން ޝަރީފާއި ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުލް ރައްޒާގަށެވެ.
މި ހަތް މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށް އެމީހުން މިނިވަން ކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހުއެވެ.
އެ މައްސަލައިގައި މިހާތަނަށް ދައުވާ ކުރި މީހުންގެ ތެރެއިން ކުށް ސާބިތުވެފައިވަނީ 17 އަހަރުގެ ކުއްޖެއްގެ މައްޗަށެވެ. އެކުއްޖާގެ މައްޗަށް ހައިކޯޓުން ވަނީ މިދިޔަ އަހަރު 18 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.
އަނަސްއަށް ހަމަލާދީ މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ތޫނު އެއްޗެހި ހިފައިގެން އައި ގްރޫޕަކަށް ފިލަން ވެގެން އޭނާ ލިޓަސް ސާވިސް ސެންޓަރު ތެރެއަށް ވަނުމުން އެތާ އެތެރޭގައެވެ.



