އދ.ގެ އާންމު މަޖިލީހުގައި މިރޭ ރައީސުލް ޖުމްހޫރިއްޔާ އެ ޖަމާޢަތް ރިފޯމް ކުރުމަށް ގޮވާލައްވައި މުޅި ދުނިޔެ ސިއްސުވާލާވަރުގެ ތަޤްރީރެއް ދެއްވައިފިއެވެ.
ދިވެހިރާއްޖެ ސައިޒުން ކިތަންމެ ކުޑަކަމުގައި ވިޔަސް، އދ ގައި އެމަނިކުފާނު ވަނީ ނުސީދާކޮށް ދުނިޔޭގެ ބާރުގަދަ ހުރިހާ ގައުމުތަކަށް ވަރަށް ވަރުގަދަ ބަހުގެ ހަމަލާއެއް ދެއްވައި އދ ފެއިލްވެފައިވާކަމަށް ވިދާޅުވެފައެވެ.
ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާއި ހަނގުރާމައާއި ނުތަނަވަސްކަމާއި އަދި ހާއްސަކޮށް އިސްރާއީލުން ހިންގާ ނަސްލުނައްތާލުން ފަދަ ޖަރީމާތައް އދ އަށް ނުހުއްޓުވުނު ކަމަށެވެ. އދ އަކީ ހަމައެކަނި ވާހަކަތައް ދައްކާ ޖަމާޢަތެއް ކަމަށާއި "އެއްވެސް ކަމެއް ނުވާ" ޖަމާޢަތެއްކަން ސިފަ ކުރައްވަމުން ބާރުގަދަ ޤައުމުތަކަށް އެމަނިކުފާނު ވިދާޅުވީ އދ އަކީ ކަންތައްތައް ހަމަމަގަށް ނޭޅުވޭނެ ޖަމާޢަތެއްގެ ގޮތުގައި އޮންނަ ތަން ދެކޭކަށް ބޭނުންފުޅު ނުވާ ކަމަށެވެ.
ބޭނުންވަނީ އެއްބައިވަންތަ އދ.އެއް ކަމަށާއި ނިކަމެތިކަމުގެ ތެރޭގައި ޣަރަގުވެފައިވާ އދ.އެއް ނޫން ކަމަށް ބުނެ އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގެ އަޑު މުޅި ޢާންމު މަޖިލީހުގެ ޖަލްސާކުރާ ހޯލުގައި ގުގުމާލައްވާފައެވެ.
ރައީސްގެ ތަގުރީރުގައި އިސްރާއީލް ވަރަށް ބޮޑަށް ކުށްވެރި ކުރައްވައި ، އެމީހުންނަކީ ޣައްޒާގައި ޖަރީމާތައް ހިންގާ ބައެއް ކަމަށް ވިދާޅުވިއެވެ. އަންހެނުންނާއި ކުޑަކުދީން ޝަހީދު ކުރަމުންދާ އަދި ނަސްލު ނައްތާލާ ކަމަށް ވެސް އެމަނިކުފާނު އިސްރާއީލުގެ މައްޗަށް ތުހުމަތު ކުރެއްވިއެވެ. ގެދޮރާއި ސްކޫލްތަކާއި ހޮސްޕިޓަލްތައް ހަލާކުކުރުމަކީ ހަނގުރާމައިގެ ޖަރީމާތަކެއްގެ ގޮތުގައި ސިފަކުރައްވައި، ނޫސްވެރިންނަށް އަމާޒުކޮށް ހަމަލާ ދިނުމަކީ މި އަނިޔާވެރިކަން ފޮރުވަން ގަސްތުގައި އިސްރާއީލުން ކުރާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނު ވަނީ އަލްޖަޒީރާގެ ނޫސްވެރިން ޝަހީދުކޮށްލި ވާހަކަ ހައިލައިޓް ކުރެއްވިކަން ފާޙަގަ ކޮށްލަން ޖެހެއެވެ.
"ޓެރަރިޒަމްގެ މި އަމަލުތަކުގެ ސަބަބުން އިސްރާއީލުން ޖަވާބުދާރީވާން ޖެހޭ،" ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމުގައި ބަލައިގަތުމަށެވެ. އަދި އދ އިން ފަލަސްތީނަށް ގޮނޑިއެއް ހައްގު ކަމަށް ވިދާޅުވެ މަޖިލީހުގައި ތިބި ދުނިޔޭގެ ލީޑަރުންގެ ލޯތައް ފެންކަޅިވާވަރު އެމަނިކުފާނު ކުރެއްވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގެތެރެއިން މުޅި އޯޑިއަންސް އަތްޖެހިއިރު އެ އިވުނު އަތްތިލަބަޑީގެ އަޑު އދ ގެ މަޖިލީހެއްގައި ވަރަށް މަދުން ނޫނީ އެހާ ބާރަށް އިވިފައެއް ނެތެވެ.
ރައީސުލް ޖުމްހޫރިއްޔާ ގޮވައިލެއްވީ ހައްގަށެވެ. ވާހަކަފުޅު ދެއްކެވީ ތެދުވެރި ނިޔަތެއްގައެވެ. މުޅި ދުނިޔެއަށް ދެއްކެވީ ރާއްޖެ އަކީ ކުޑަ ގައުމެއްކަމަށް ވިޔަސް، "މޯލްޑިވްސް" އަކީ ނަމޫނާ ގައުމެއްކަމާއި އދ ރިފޯމް ކުރަން ޖެހޭ ހަގީގީ ސަބަބުތަކެވެ.



