"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ކުރީ ސަރުކާރުން ދޫކުރި 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓަށް އެއްވެސް އުނިއިތުރެއް ނުގެނެސް ލިސްޓާ އެއްގޮތަށް ފުލެޓުތައް ހަވާލުކުރަން ރައްޔިތުންގެ މަޖިލީހުން ލަފާދޭން ފާސްކޮށްފިއެވެ.
މި ފްލެޓް ލިބޭ މީހުންގެ ލިސްޓަށް ގިނަ ޝަކުވާ ހުށަހެޅިފައިވާތީ، އެ މައްސަލަތައް ދިރާސާކޮށް މަޖިލީހުގެ ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީން ނެރުނު ރިޕޯޓާއި ގުޅިގެން މަޖިލީހުގައި މިއަދު ވަނީ ވޯޓެއް ނަގާފައެވެ. މި ރިޕޯޓާއި ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދީފައިނުވެއެވެ. މިއަދުގެ ޖަލްސާގައި ބައިވެރިވި 29 މެންބަރުން ތާއީދު ކުރަނީ ލިސްޓަށް އެއްވެސް އުނިއިތުރެއް ނުގެނެސް ފްލެޓް ދިނުމަށެވެ.
އެ ރިޕޯޓުގައި ކޮމިޓީން ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ކަނޑައަޅާފައިވާ ފުލެޓުތައް ހަވާލުކުރުން ލަސްވެފައިވާކަމަށާއި އޭގެ ސަބަބުން އާއްމުންނާއި ފުލެޓް ލިބުނު ފަރާތްތަކުގެ ކަންބޮޑުވުން އޮތްކަން ފާހަގަކޮށްފައެވެ. އަދި ސަރުކާރުން ފުލެޓު ލިބިފައިވާ ފަރާތްތަކަށް އެ ފުލެޓު ދިނުމަށް ވައުދުވެފައި އޮތްކަންވެސް ފާހަގަކޮށް ކޮމިޓީން ވަނީ، ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް ގެޒެޓުކޮށްފައިވާ ފުލެޓު ލިސްޓަށް އެއްވެސް އުނިއިތުރެއް ނުގެނެސް ފުލެޓު ލިބިފައިވާ ފަރާތްތަކަށް ފްލެޓު ދިނުމަށާއި ފުލެޓު ލިސްޓާ އެއްގޮތަށް ފްލެޓު ލިބިފައިވާ ފަރާތްތަކަށް ލަސްނުކޮށް ފުލެޓު ހަވާލުކުރަން ހުށަހަޅާފައެވެ.
ކުރީގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމު ކުރުމުން ބައެއް މީހުން ވަނީ އެ ފްލެޓު ލިސްޓަކީ ބޭއިންސާފުން އެކުލަވާލާފައިވާ ލިސްޓެއް ކަމަށް ބުނެ، އޭސީސީއަށް ޝަކުވާ ހުށަހަޅައިފައެވެ. އަދި އެ ޝަކުވާތަކާ ގުޅިގެން އޭސީސީގެ ތަހުގީގު ނިމެންދެން އެއްބަސްވުމުގައި ސޮއިކުރުމާއި ފްލެޓް ހަވާލު ކުރުމުގެ ކަންކަން މަޑުޖައްސާލަން އޭރު އޮތް ސަރުކާރަށް ކޮމިޝަނުން އެންގިއެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު، އޭސީސީން ބުނެފައި ވަނީ ކުރީ ސަރުކާރުން ދޫކުރި 4000 ފްލެޓް ދީފައިވާ މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. އެހެންނަމަވެސް، ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ރަނގަޅަށް ޕޮއިންޓު ދީފައިވާ މީހުންނަށް ފްލެޓު ދޭން ފަށަން އޭސީސީން ވަނީ ހައުސިން މިނިސްޓްރީއަށް ހުއްދަ ދީފައެވެ.
ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގައި ފްލެޓަށް 21،000 މީހުން ކުރިމަތިލިއިރު، އޭގެ ތެރެއިން 12،000 މީހުން ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ވަނީ ކުރީ ސަރުކާރުން ކަނޑައަޅާފައެވެ. އަދި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ފުރަތަމަ 4،000 ފްލެޓް ލިބޭނެ މީހުން ކަނޑައަޅައި، އެ މީހުންނަށް ވަނީ ފްލެޓް ލިބުނު ކަމުގެ ލިޔުން ވެސް ދީފައެވެ.



