ޗައިނާ، ބަންގްލަދޭޝް އަދި ސައުދީ ޢަރަބިއްޔާގެ ސަފީރުކަމަށް ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާ ސަފީރުކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މ. ފަށަލަ، ޑރ ފަޟީލް ނަޖީބެވެ. އޭނާ ވަނީ 1984 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާ ހަމައަށް ޓްރޭޑް މިނިސްޓްރީގައި އެކި ފެންވަރުގެ މަޤާމުތައް އަދާކުރައްވާފައެވެ. އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަޤާމުގެ އިތުރުން އޭނާ ވަނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަޤާމުވެސް އަދާކުރައްވާފައެވެ.
ރާއްޖެއިން ބަންގްލަދޭޝް އަށް ކަނޑައަޅުއްވާ ސަފީރުކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ސ. ހުޅުދޫ، އަސަރީގެ، ޝިއުނީން ރަޝީދެވެ. އޭނާއަކީ ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީގެ މަޤާމު އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
ރާއްޖެއިން ސައުދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާ ސަފީރުކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ނ. ހޮޅުދޫ، އުފަންވެލި، މުޙައްމަދު ޠާހާއެވެ.
ޗައިނާ، ބަންގްލަދޭޝް އަދި ސައުދީ ޢަރަބިއްޔާގެ ސަފީރުކަމަށް ކަނޑައެޅުއްވި ތިން ބޭފުޅުންނަށްވެސް ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
މިދިޔަ ހަފްތާގައި މަޖިލީހުން ވަނީ 8 ސަފީރަކަށްވެސް ރުހުން ދީފައެވެ. އެ 8 ސަފީރުންނަކީ:
- މުޙައްމަދު ހުސެއިން ޝަރީފް (މުންދު) – ޔޫއޭއީ
- އިރުތިޝާމް އާދަމް – އިނގިރޭސި ވިލާތް
- އަލީ ނަސީރު މުޙައްމަދު (އަލިނީ) – އދ.
- މަސްޢޫދު އިމާދު – ސްރީލަންކާ
- މަރިޔަމް ޝަބީނާ އަހުމަދު – މެލޭޝިއާ
- ގީލާ އަލީ – ބެލްޖިއަމް އާއި އީޔޫ
- މުޙައްމަދު ލުވެއިޒު – ސިންގަޕޫރު
- ޑރ. ސަލްމާ ރަޝީދު – ޖެނީވާ



