ކުރީގެ ރައީސް އަބްދުﷲ ޔާމީން އދ. އަށް ވަޑައިނުގެންނެވީ "ކަންނެތް" ކަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ..
ޝުޖާއު މި ވާހަކަ ވިދާޅުވެފައިވަނީ އިޖްތިމާއީ ވިއުގަ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި އދ. ގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޤްރީރު ކުރައްވާތީ އާއި ރާއްޖޭގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު އދ. އަށް ވަޑައިގެން ހިސާބުން ޔާމީންގެ ލޮލަށް ނިދި ނާންނަ ކަމަށެވެ.
"ރައީސް ޔާމީން އދ. އަށް ވަޑައިނުގެންނެވީ މީހަކު ހިފަހައްޓައިގެން ނޫން. ކަންނެތް ކަމުން." ޝުޖާއު ވިދާޅުވިއެވެ.
މިހާރު ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިއުޔޯކަށް ވަޑައިގެންފައެވެ. އެމަނިކުފާނު ވަނީ ރޭ އދ. ގެ އާންމު މަޖިލީހުގައި ތަޤްރީރު ކުރައްވާފައެވެ. އަދި އަންނަ އަންގާރަ ދުވަހު އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ޚާއްޞަ ބަހުސެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާނެ ކަމަށް ވެސް ވަނީ އިޢުލާން ކުރައްވާފައެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި ސަމިޓް އޮފް ދަ ފިއުޗަރގައި ބައިވެރިވެވަޑައިގަންނަވައި، މުހިންމު މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވުމުގެ އިތުރުން އެހެނިހެން ހަރަކާތްތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެ އިތުރުން އެކި ދައުލަތްތަކާއި ޤައުމުތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވައި މަޝްވަރާތައް ކުރިއަށްގެންދަވާނެއެވެ.
ރައީސް މުޢިއްޒު އދ. އަށް ވަޑައިގަތުމާއި ގުޅިގެން އެންމެ ބޮޑަށް ފާޑުކިޔަމުން އަންނަނީ ކުރީގެ ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވާފައިވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ އިސް ބޭފުޅުންނެވެ.
ޔާމީނަކީ "ކަންނެތް މީހެއް" ކަމަށް ޝުޖާއު ވިދާޅުވި އިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ ވެސް ދާދި ފަހުން ވަނީ ޔާމީނަކީ ވަރަށް "ކަންނެތް މީހެއް" ކަމަށް ވިދާޅުވެފައެވެ. އަބްދުއްރަޙީމް ވިދާޅުވި ގޮތުގައި ޔާމީނަށް ސިޔާސީ ޕްލެޓްފޯމެއް ޤާއިމްކޮށް ވެރިކަމަށް ވަޑައިގެންނެވުނީ އޭރު އަރިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުން ކަމަށެވެ. އަބްދުއްރަޙީމް ވިދާޅުވި ގޮތުގައި ޔާމީނަކީ އެއްވެސް އިރެއްގައި އަމިއްލަފުޅު މަސައްކަތުން ސިޔާސީ މައިދާނުން ޖާގަ ހޯއްދެވި ބޭފުޅެއް ނޫނެވެ.
"ޔާމީނަކީ އަމިއްލަ އަށް ސިޔާސީ ޕްލެޓްފޯމެއް ކްރިއޭޓް ކުރި ބޭފުޅެއް ނޫނޭ، އަމިއްލަ މަސައްކަތުން ސިޔާސީ މަގާމެއް ހޯދި މީހެއް ނޫނޭ. ކަންނެތް މީހެއް އޭނާއަކީ. އަޅުގަނޑުމެންގެ މަސައްކަތުން ސިޔާސީ ޕްލެޓްފޯމެއް ހޯދައިދިނީ،" އަބްދުއްރަޙީމް ވިދާޅުވިއެވެ.



