ކުރީ ސަރުކާރުން ފަށާފައިވާ ކުޅިވަރާއި ބެހޭ އެއްވެސް މަޝްރޫއެއް ހުއްޓާނުލާނެ ކަމަށް މިނިސްޓަރ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުالله ރާފިއު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ވަނީ، ކުރީގެ ސަރުކާރުން ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ފަށާފައިވާ މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށްގެންދާނެތޯ ސުވާލު ކުރައްވާފައެވެ. އަދި ކުޅިވަރުގެ ދާއިރާއިން ކުރީ ސަރުކާރުން ބަޖެޓްކޮށް ނުފެށި ހުރި މަސައްކަތް ހުއްޓާނުލައި ކުރިއަށްގެންދާނެތޯ ސުވާލު ކުރައްވައިފައެވެ.
މި ސުވާލުގެ ޖަވާބުގައި ރާފިއު ވިދާޅުވީ ކުރީ ސަރުކާރުން ފަށާފައިވާ ކުޅިވަރާއިބެހޭ ބައެއް ޕްރޮޖެކްޓުތައް ހުރީ ނިމެން ކައިރިވެފައި ކަމަށާއި އެއްވެސް ޕްރޮޖެކްޓެއް ހުއްޓާލުމުގެ ވިސްނުން މި ސަރުކާރުން ނުގެންގުޅޭ ކަމަށެވެ. އަދި ބައެއް ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފެށިފައިވާއިރު އެ މަސައްކަތްތައްވެސް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ.
"މިދިޔަ ސަރުކާރުން ކުޅިވަރު ކުރިއެރުވުމަށްޓަކައި ފަށާފައި ނުވަތަ ކުޅިވަރާއި ބެހޭ އެއްވެސް ޕްރޮޖެކްޓެއް އަޅުގަނޑުމެން ހުއްޓާލާ ގޮތަކަށް ނެތް ހަމަޖެހިފައި." ރާފިއު ވިދާޅުވިއެވެ.
ރާފިއު ވިދާޅުވީ، ކުރީ ސަރުކާރުގެ ޔޫތު މިނިސްޓްރީން ކުރިއަށް ގެންދިޔަ ބައެއް ޕްރޮޖެކްޓްތައް މި ސަރުކާރުގެ ސްޕޯޓްސް މިނިސްޓްރީގެ ދަށުން އުނިވެފައިވާ ކަމަށާއި، އެހެން އެކަންވީ ޔޫތު މިނިސްޓްރީގެ ގޮތުގައި ވަކި މިނިސްޓްރީއެއް މި ސަރުކާރުގައި އުފެދިފައި އޮތުމުން ކަމަށެވެ. އަދި ސްޕޯޓްސް މިނިސްޓްރީން ކުޅިވަރާ ގުޅޭ ޕްރޮޖެކްޓްތައް ކުރިއަށް ގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ފަށާފައިވާ ތަރައްގީގެ ޕްރޮޖެކްޓްތައް ހުއްޓާނުލާ ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މީގެކުރިން ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.



