ކުރިމިނަލް ކޯޓުން މިއަދު އިއްވި ޙުކުމެއްގައި، މާލޭގައި ބައިސްކަލެއް ވަގަށް ނެގި މީހަކު 3 މަހަށް ޖަލަށްލުމަށް ނިންމައިފިއެވެ. މި މައްސަލައިގައި ޖަލަށްލުމަށް ޙުކުމް ކޮށްފައިވަނީ ކ. ތުލުސްދޫ / އުދުހޭކޮކާ އަބްދުލްމަޖީދު އަބްދުﷲ ގެ މައްޗަށެވެ.
މި މައްސަލައަކީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު 3 ވަނަ ދުވަހު މާލޭ އަމީރު އަޙްމަދު މަގުގައި ހުންނަ ކޮމާޝަލް ބޭންކުގެ ކުރިމަތީގައި ބަހައްޓާފައި ހުރި ބައިސްކަލެއް އަބްދުލްމަޖީދު ވަގަށް ނެގި މައްސަލައެވެ. ޝަރީޢަތުގެ އަޑުއެހުމުގައި އޭނާ ވަނީ އެ ބައިސްކަލް ވަގަށް ނެގި ކަމަށް އިޢުތިރާފްވެފައެވެ. އޭނާ ބުނި ގޮތުގައި އެ ބައިސްކަލް ތަޅުނުލާ އެތަނުގައި ބަހައްޓާފައި ހުރުމުން ދުއްވާލަން ދެވުނީއެވެ.
ދައުލަތުން މި މައްސަލައިގެ ޝަރީޢަތުގައި ފާހަގަކޮށްފައިވަނީ އަބްދުލްމަޖީދުގެ މައްޗަށް ސާބިތުވެފައިވާ ކުށަކީ ޖުނަޙުގެ 1 ވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ. މި ކުށުގެ އަދަބަކީ 4 މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.
ނަމަވެސް، ކުރިމިނަލް ކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ އަބްދުލްމަޖީދު އޭނާގެ ކުށަށް އިޢުތިރާފްވެފައިވާތީ، އަސާސީ މިންގަނޑުން 1 ދަރަޖަ ދަށްވާނެތީ، ކުށުގެ އަދަބަކީ 3 މަހާއި 18 ދުވަހުގެ މުއްދަތަކަށް ޖަލަށްލުން ކަމަށެވެ. މި މައްސަލައިގައި އޭނާ މީގެ ކުރިން ބަންދުކޮށްފައި ނުވާތީ މި މުއްދަތު ތަންފީޛު ކުރަންޖެހޭނެ ކަމަށް ކޯޓުން ނިންމާފައިވެއެވެ.



