މައްކާގައި އުމްރާގެ އަޅުކަން އަދާކުރަން ދިޔަ ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ މުސާފިރު ޢުމްރާ ގްރޫޕުގެ ފަރާތުން އުމްރާއަށް ގޮސްފައިވާ ޏ. ފުވައްމުލަކަށް ނިސްބަތްވާ 69 އަހަރުގެ ޙުސައިން ފުތާއެވެ. މި ހާދިސާ ހިނގާފައިވަނީ 20 ސެޕްޓެންބަރު 2023 ވަނަ ދުވަހުއެވެ.
ލިބިފައިވާ މަޢުލޫމާތުގެ މަތިން، ޙުސައިން ފުތާ ނިޔާވެފައިވަނީ އުމްރާކޮށް ނިމިގެން އަމިއްލައަށް އެކަނި ޙަރަމަށް ގޮސް ހުއްޓައެވެ. އޭނާ ހޮޓަލަށް ނައިސް ލަސްވުމާ ގުޅިގެން، އޭނާއާ ހަވާލުވެފައިވާ ފަރާތުން މިކަން ގްރޫޕުގެ ސަމާލުކަމަށް ގެނެސްފައިވެއެވެ.
މި މައްސަލަ ސަމާލުކަމަށް އައުމާއެކު، ގްރޫޕުގެ ފަރާތުން ވަނީ ސައުދީ އަރަބިއާގެ އެޖެންޓަށާއި ޙަރަމްގެ ފުލުހުންނަށް އަންގައި، ޙުސައިން ފުތާ ހޯދުމުގެ މަސައްކަތް ފަށާފައެވެ. ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، އޭނާ ނިޔާވެފައިވާކަން ވަނީ ކަށަވަރުވެފައެވެ.
މި ހިތާމަވެރި ޚަބަރާ ގުޅިގެން، މުސާފިރު ޢުމްރާ ގްރޫޕުގެ ފަރާތުން ވަނީ މަރުުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ފާޅުކޮށްފައެވެ.



