ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފު އިއްޔެ ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން ބިލްޑިންގގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވިއެވެ. މި ބައްދަލުވުމުގައި ޕީޖީ އައްބާސް ވިދާޅުވެފައިވަނީ މައްސަލަތަކުގެ ތަހުގީގު ނިމުމަށްފަހު ދައުވާކުރުން މިހާރަށްވުރެ އަވަސްކުރުމުގެ ތަސައްވުރު ގެންގުޅުއްވާ ކަމަށެވެ.

ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރ ޝުޖާއު ވަނީ ޕީޖީ އައްބާސްއަށް މަރުޙަބާ ދަންނަވައި، ދެ މުއައްސަސާގެ ދެމެދުގައި އޮތް ގާތް ގުޅުން ދަމަހައްޓަވާނެކަމަށް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ޕީޖީ އައްބާސް އިތުރަށް ވިދާޅުވެފައިވަނީ ޖިނާއީ ތަހުގީގުތައް މިހާރަށްވުރެ އަވަސްކޮށް ކުރިއަށްގެންދިއުމަށް ޕީޖީ އޮފީހުން ވެދެއްވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި އެހީތެރިކަން ދެއްވާނެ ކަމަށެވެ. އަދި ފުލުހުންގެ އިދާރާއަކީ ޕީޖީގެ މަސައްކަތުގެ އެންމެ މުހިންމު ބައިވެރިޔާ ކަމަށާއި، ޕީޖީ އޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ 90 އިންސައްތައަށްވުރެ ގިނަ މައްސަލައަކީ ފުލުހުން ތަހުގީގުކޮށް ހުށަހަޅުއްވާ މައްސަލަ ކަމަށްވެސް އައްބާސް ފާހަގަކުރެއްވިއެވެ.