މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މާލޭ ގެއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކޯޓުއަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މެއި 2 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ އެޕާޓްމަންޓު ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށާއި، އެ ތަކެތީގެ ބަރުދަނުގައި 4 ކިލޯ ހުރިކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.



