ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ކަމަށާއި، ޚާއްޞަކޮށް އުތުރާއި މެދު ރާއްޖެތެރޭ އަތޮޅުތަކުގައި ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ. މިކަމާ ގުޅިގެން ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އިން އިންޒާރު ދީފައިވެއެވެ.
މެޓް އޮފީހުން މިރޭގެ މޫސުން ކުރިއަށް ލަފާކޮށް ބުނެފައިވަނީ، އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރުމާއެކު ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ. އަދި މެދު ރާއްޖެތެރެއާއި ދެކުނުގެ ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށްވެސް މެޓް އިން ބުނެފައިވެއެވެ.
ވައިގެ ބާރުމިނާ ގުޅޭގޮތުން މެޓް އޮފީހުން ބުނެފައިވަނީ، ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 20 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އިން ވަނީ އިންޒާރު ދީފައެވެ.
މީގެ އިތުރުން، މެޓް އޮފީހުން ވަނީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކޮށްފައެވެ. މި ހާލަތާ ގުޅިގެން، ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށާއި، މޫސުމަށް އަންނަ ބަދަލުތަކަށް ފަރުވާތެރިވުމަށް މެޓް އިން ވަނީ އިލްތިމާސްކޮށްފައެވެ.



