އިނގިރޭސިވިލާތުގެ މަޝްހޫރު ރޮކް މިއުޒިކް ބޭންޑް "ކޯލްޑްޕްލޭ" އިން އަންނަ އަހަރުގެ ޖެނުއަރީ މަހު އިންޑިއާގެ މުމްބާއީގައި ދެ ޝޯއެއް ބޭއްވުމަށް ތާވަލުކޮށްފިއެވެ. މި ޝޯތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 18 އަދި 19 ވަނަ ދުވަހު މުމްބާއީގެ ޑީވައި ޕާޓިލް ސްޕޯޓްސް ސްޓޭޑިއަމްގައެވެ.
ކޯލްޑްޕްލޭއިން މީގެ 8 އަހަރު ކުރިން ވެސް މުމްބާއީގައި ބޭއްވި ފެސްޓިވަލެއްގައި ޕާފޯމްކޮށްފައިވީ ނަމަވެސް، އެ ބޭންޑުގެ ޓުއާގެ ދަށުން އިންޑިއާގައި ޝޯއެއް ބާއްވާނެ މިއީ އަދި ފުރަތަމަ ފަހަރެވެ. މި ޝޯތަކަކީ އެ ބޭންޑުގެ ވޯލްޑް ޓުއާގެ ބައެއްގެ ގޮތުގައި ބޭއްވޭ ޝޯތަކެކެވެ.
ކޯލްޑްޕްލޭގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ކުރި ޕޯސްޓެއްގައި، އޭޝިއާގެ ބައެއް ގައުމުތަކުގައި ވޯލްޑް ޓުއާގެ ޝޯތައް އަންނަ އަހަރު ބާއްވަން ނިންމިކަން އިއުލާންކޮށްފައިވެއެވެ. މި ޓުއާގެ ފުރަތަމަ ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 11 ގައި ޔޫއޭއީގެ ވެރިރަށް އަބޫދާބީގެ ޒައިދު ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައެވެ.
މުމްބާއީގައި ބާއްވާ ޝޯތަކަށް މާދަމާއިން ފެށިގެން ޓިކެޓް ވިއްކަން ފަށާނެ ކަމަށް އިއުލާންކޮށްފައިވެއެވެ. ބުކްމައިޝޯ މެދުވެރިކޮށް މި ޝޯތަކަށް ޓިކެޓް ބުކް ކުރެވޭނެ އިރު، ޓިކެޓްތަކުގެ އަގު ހުންނާނީ 30 ޑޮލަރާއި 420 ޑޮލަރާ ދެމެދުގައެވެ.
މީގެ އިތުރުން، އަންނަ އަހަރުގެ އޭޕްރިލް މަހުގައި ހޮންކޮންގާއި ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި ވެސް ކޯލްޑްޕްލޭގެ ޝޯތަކެއް ބޭއްވުމަށް ނިންމައި، އެ ޝޯތަކުގެ ތާރީޚުތައް ވަނީ އިއުލާންކޮށްފައެވެ. މިގޮތުން ހޮންކޮންގުގައި ދެ ޝޯއަކާއި ސޯލްގައި ހަތަރު ޝޯ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ހަތަރު މެންބަރުންގެ މި ބޭންޑުގެ ޝޯތަކަށް ގިނަ ބަޔަކު ޝައުޤުވެރިވާނެ ކަމަކަށް ވެގެންދާއިރު ކޯލްޑްޕްލޭގެ މި ވޯލްޑް ޓުއާއަކީ އޭޝިއާގެ މިއުޒިކް ލޯބިވާ ފަރާތްތަކަށް ބޮޑު އުފަލަކަށް ވާނެ ކަމެއް ކަމުގައި ފާހަގަކުރެވެއެވެ.



