ޖިނާއީ ތަޙުޤީޤުތައް މިހާރަށްވުރެ އަވަސްކޮށް ކުރިއަށްގެންދިއުމަށް ވެދެއްވެންއޮތް އެންމެ ފުޅާ ދާއިރާއެއްގައި އެހީތެރިވެދެއްވާނެކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛު ޢައްބާސް ޝަރީފު ވިދާޅުވެއްޖެއެވެ. ޢައްބާސް މިހެން ވިދާޅުވީ މިއަދު ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާއެކު ދިވެހި ފުލުހުންގެ ޚިދުމަތުގެ މައި އިދާރާގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޝުޖާޢު ވަނީ އައު ޕްރޮސިކިއުޓަރ ޖެނެރަލް ޢައްބާސްއަށް މަރުޙަބާ ދަންނަވައި، ދެ މުއައްސަސާގެ ދެމެދުގައި އޮތް ގާތް ގުޅުން ދަމަހައްޓަވާނެކަމަށް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ގުޅުން އިތުރަށް ބަދަހިކޮށް، ހަރުދަނާ ކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
ޢައްބާސް ވިދާޅުވީ މައްސަލަތަކުގެ ތަޙުޤީޤު ނިމުމަށްފަހު، ދަޢުވާކުރުން މިހާރަށް ވުރެ އަވަސްކުރުމުގެ ތަޞައްވުރު ގެންގުޅުއްވާކަމަށެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތުގެ އެންމެ މުހިންމު ބައިވެރިޔާކަމަށާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ 90 އިންސައްތައަށްވުރެ ގިނަ މައްސަލައަކީ ފުލުހުން ތަޙުޤީޤުކޮށް ހުށަހަޅުއްވާ މައްސަލަކަން ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ދެ މުއައްސަސާގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ޖިނާއީ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ދެ ފަރާތުން ވެސް ފާހަގަކުރިއެވެ.



