މިދިޔަ ފަސް އަހަރުގެ ތެރޭގައި އައްޑޫ ފެނުގެ ނިޒާމު މަރާމާތުކޮށް، ހިދުމަތް ފުޅާކުރުމަށް މަސައްކަތެއް ކޮށްފައި ނެތް ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
އެ ކުންފުނިން މިހެން ބުނީ އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ފެން ސަޕްލައިކުރާ ޕްލާންޓަށް މައްސަލައެއް ދިމާވެ، ފެނުގެ ހިދުމަތަށް ބުރޫ އަރާފައިވަނިކޮށެވެ.
ފެނަކައިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ އައްޑޫގެ އާބާދީ ބޮޑުވުމާ އެކު އެ ކުންފުނިން އުފައްދާ ފެން ބޭނުންކުރާ މިންވަރު ވެސް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން ކަމަށެވެ.
އެ ސަބަބާ ހުރެ، މިހާރު ހުރި ޕްލާންޓުން އުފެއްދޭ ފެނަށް ވުރެ ބޭނުންކުރާ ފެނުގެ ނިސްބަތް ވެސް އިތުރުވެފައިވާއިރު، އެ ކުންފުނިން ބުނީ ހިދުމަތް ފުޅާކުރަން މިދިޔަ ފަސް އަހަރުގެ ތެރޭގައި އެއްވެސް މަސައްކަތެއް ނުކުރާތީ، އައްޑޫ ފެނުގެ ހާލަތު ދަށަށް ގޮސްފައިވާ ކަމަށެވެ.
"މިހާރުވެސް ހިދުމަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ އެންމެހާ ކަންކަން މި ކުންފުނިން ކުރަމުންދާ ވާހަކަ ދަންނަވަމެވެ،" ފެނަކައިގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އައްަޑޫ ފެނުގެ ނިޒާމު އަޕްގްރޭޑް ކުރުމަށް މިދިޔަ މަހުގެ ތެރޭގައި އެމްޑަބްލިއުއެސްސީއާ ވަނީ ހަވާލުކޮށްފަ އެވެ. ފެނަކައިން ބުނީ އެއް އަހަރުގެ މުއްދަތުން ނިންމާ އެ މަޝްރޫއާ އެކު އައްަޑޫ ފެނުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށެވެ.



