މީޑީއާގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ފޭކް ވީޑިއޯ ފެތުރުމުގެ ކުށުގައި އިންޑިއާގެ ކޮންގްރެސް ޕާޓީގެ ސޯޝަލް މީޑިއާ ޓީމުގެ ހަ މެންބަރަކު ހިމެނޭ ގޮތަށް ނުވަ މީހަކު ހައްޔަރުކޮށްފިއެވެ.
މިމީހުން ހައްޔަރުކުރީ އިންތިޚާބާއި ދިމާކޮށް މޯދީގެ ސަރުކާރަށް އޮތް ތާއީދު ކުޑަކުރުމަށްޓަކައި ބޮލީވުޑްގެ ތަރިންތަކެއްގެ ފޭކް ވީޑިއޯ ކްލިޕްތަކެއް ހެދުމުންނެވެ. އެ ކްލިޕް ތަކުގައި ދައްކަނީ ބޮލީވުޑް ތަރިން މިހާރުގެ ބީޖޭޕީ ސަރުކާރަށް ފާޑު ކިޔާ މަންޒަރުތަކެވެ. ސޯނިއާ ގާންދީގެ ޕާޓީގެ މި މެންބަރުންތަކުގެ ތެރެއިން ގިނަ މީހުން ހައްޔަރުކުރީ ހުކުރު ދުވަހު ނިއުދިއްލީ ޕޮލިސްގެ ސައިބަރ ކްރައިމް ޔުނިޓުންނެވެ.
އެ ވީޑިއޯ ހިއްސާކުރި މައްސަލައިގައި ފުލުހުން ވަނީ ކޮންގްރެސްގެ ނޭޝަނަލް ސޯޝަލް މީޑިއާ ކޯޑިނޭޓަރު ވެސް ހިފަހައްޓާފައިކަމަށް މަސްދަރުތަކުން ބުނެއެވެ. މިކަމާ ދެކޮޅަށް ކޮންގްރެސް ޕާޓީން ދަނީ މުޒާހަރާވެސް ކުރަމުންނެވެ.
އިންޑިއާގައި މިހާރު ކުރިޔަށްދާ އިންތިޚާބުގައި ގާތްގަނޑަކަށް އެއް ބިލިއަން މީހުން ވަނީ ވޯޓުލާން ރަޖިސްޓްރީކޮށްފައެވެ. އެގައުމުގެ އާބާދީގެ 800 މިލިއަން މީހުން އިންޓަރނެޓް ބޭނުންކުރާއިރު މިފަދަ ފޭކް ވީޑިއޯތަކުން ފަސޭހަ ކަމާއެކު ގޯސް މަޢުލޫމާތު ފެތުރޭނެއެވެ. ކޮންގްރެސް ޕާޓީގެ ވީޑިއޯ ހަދާ 6 މެމްބަރުން ހައްޔަރުކުރީ އެހެންވެއެވެ.
އިންޑިއާއާއި ޚިލާފަށް ދިވެހިރާއްޖެއަކީ މިކަހަލަ ކަންކަމުގައި ސަރުކާރުން ވަރަށް ބޮޑަށް ދޫ ދެމުން އަންނަ ޤައުމެކެވެ. ޤައުމުގެ އިޖްތިމާޢީ ފޭރާން ރަނގަޅު ކުރުމަށްޓަކައި ދޮގު ޚަބަރު ފަތުރާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަކީ ޒިންމާދާރު ނޫސްވެރިކަމަށް ކޮށޭނެ މަގެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.



