ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން އެކަކު ކަމަށްވާ އަލީ އަޝްފާގު (ދަގަނޑޭ) ގެ ކަކުލުގެ އޮޕަރޭޝަނެއް އިންޑިއާގައި ކޮށްފިއެވެ. މިހާރު އުމުރުން 39 އަހަރުގެ ދަގަނޑޭ މި އޮޕަރޭޝަން ކޮށްފައިވަނީ ކަކުލަށް ލިބުނު އަނިޔާއިން ރަނގަޅުވުމަށް އޮޕަރޭޝަން ނުކޮށް ފަސް އަހަރެއްހާ ދުވަސް ވުމަށްފަހުގައެވެ.
މި އޮޕަރޭޝަނުގައި ކަކުލުގެ އެންޓީރިއާ ކްރުޝުއޭޓް ލިގަމެންޓާއި، މެނިސްކަސްއަށް ލިބިފައިވާ ގެއްލުންތަކެއް ހިމެނޭހެން ޖުމްލަ ތިން މައްސަލައެއް ހައްލުކުރާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ދަގަނޑޭގެ ކަކުލަށް އެންމެ ފަހުން އަނިޔާވީ މިދިޔަ ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕުގައި ކުލަބު އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.
އޮޕަރޭޝަނަށްފަހު އަލުން ދަނޑަށް ނުކުންނަން ދަގަނޑޭއަށް މަދުވެގެން އަށްމަސް ހޭދަވާނެ ކަމަށް ބެލެވެއެވެ. އެހެންނަމަވެސް، މި އުމުރުގައި މިފަދަ އޮޕަރޭޝަންތަކަށްފަހު ވަރަށް ގިނަ ކުޅުންތެރިން އަނބުރާ ކުޅެން ނުކުމެފައެއް ނުވެއެވެ.

އޮޕަރޭޝަން ކުރުމުގެ ކުރިން ރާއްޖޭގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ދަގަނޑޭ ބުނެފައިވަނީ އޭނާގެ ފޯކަސް ހުރީ ފުރަތަމަ އަނިޔާއިން އަރައިގަތުމަށް ކަމަށެވެ. އަދި ރިކަވަރީއަށްފަހު މަތީ ފަންތީގައި ކުޅޭނެކަމާ މެދު އަދި އެއްޗެއް ބުނަން ނޭނގޭ ކަމަށްވެސް ވަނީ ބުނެފައެވެ.
ގައުމީ ފުޓްބޯޅަ ޓީމަށް 98 މެޗު ކުޅެދީފައިވާ ދަގަނޑޭ ވަނީ ގައުމީ ޖާޒީގައި 58 ލަނޑު ކާމިޔާބުކޮށްފައެވެ. ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގައި ފާހަގަކޮށްލެވޭ ދަގަނޑޭ ވަނީ ރާއްޖެއިން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕުގެ ތަށި ހޯދިއިރު، އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.



