ހަ ރަށެއްގެ ކައުންސިލްތަކުން ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް ކައުންސިލަރުން އައްޔަންކުރުމަށް އިއްޔެ ބޭއްވި ބައި އިލެކްޝަނާއެކު ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޖެހިޖެހިގެން 3 އިންތިޚާބުވެސް ކާމިޔާބު ކޮށްފިއެވެ.
އިއްޔެގެ ބައި-އިލެކްޝަނުގައި ޕީއެންސީން ވަނީ ހއ. އުތީމު ކައުންސިލް މެންބަރުކަމުގެ ގޮނޑި އާއި އެއަތޮޅު ތަކަންދޫ ގެ ގޮނޑިއާއި ނ. ވެލިދޫ ކައުންސިލް މެންބަރުކަމުގެ ގޮނޑީގެ އިތުރުން ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރުގެ ގޮނޑި ކާމިޔާބުކޮށްފައެވެ. ވާދަކުރި ގޮނޑިތަކުގެ ތެރެއިން 2 ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއްވެސް ވަނީ ކާމިޔާބު ކޮށްފައެވެ. ގެއްލުނު ދެ ގޮނޑިއަކީ ނ.ލަންދޫއިން އެމްޑީޕީއަށް ލިބުނު ގޮނޑިއާއި ރ.މަޑުއްވަރީ ކައުންސިލް ރައީސްގެ ގޮނޑިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަން ފެށުނީއްސުރެ ސަރުކާރުން މިދަނީ ހުރިހާ އިިންތިޚާބުތަކެއްވެސް ކާމިޔާބު ކުރަމުންނެވެ. ރިޔާސީ އިންތިޚާބަށްފަހު އެއާއި ޖެހިގެން ދެން އައި 20 ވަނަ މަޖިލީހަށް މެމްބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގައިވެސް ބޮޑު މެޖޯރިޓީއެއް ހޯދީ ސަރުކާރުގެ މައި ޕާޓީ ޕީއެންސީ އިންނެވެ. އިއްޔެގެ ބައި އިލެކްޝަން ކާމިޔާބުކުރި ކެންޑިޑޭޓުންނަކީ:
ހއ. އުތީމު ކައުންސިލްގެ މެންބަރުކަމަށް، އިބްރާހީމް ސުނާން
ހއ. ތަކަންދޫ ކައުންސިލްގެ އަންހެން މެބަރުކަމަށް، ސަމީނާ މުޙައްމަދު
ނ. ވެލިދޫ ކައުންސިލްގެ މެންބަރުކަމަށް، ޢަބްދުﷲ އަބްދުއްރައްޒާޤު
ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރުކަމަށް، ޢާއިޝަތު ސަމްހާ އެވެ.



