ހެވަށް ގޮވާ ، ރަނގަޅުހާ ކަންތައްތަކަށް އަމުރުކުރާ ، ނުބައިހާ ކަންތައްތައް މަނާކުރާ ގައުމެއް އުފައްދާށެވެ. އެފަދަ ގައުމެއް ވެގެންދާނީ ކާމިޔާބީ ލިބިގެންވާ ގައުމަކަށެވެ. މިއީ މިދިވެހި ޤައުމުގައި ހިނގަހިނގާހުރި ޖަރީމާތަކާއި ޤަތުލުތަކާއި ، ވައްކަމާއި ، ފޭރުމާއި ، މަސްތުވާތަކެތި ވިއްކުމާއި ، އެއިން މުޢާމަލާތް ކުރުމާއި ، މަސްތުވާ ތަކެތި ޓްރެފިކުކުރުން ހުއްޓުވުމަށް އޮތް ވަގުތީ އަދި ދާއިމީ އަދި ދެމެހެއްޓެނިވި ހައްލެވެ. ألله سبحانه وتعالى ގެ ވަޙީ ބަސްފުޅުގައި ވަނީ ، وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ ۚ وَأُولَٰئِكَ هُمُ الْمُفْلِحُونَ ( آل عمران آية 104) މި آيةގެ މާނައަކީ، ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮ ކަންތައްތަކަށް އަމުރުކުރާ ، އަދި ނުބަައި ކަންތައްތައް ނަހީކުރާ ބަޔަކު ތިޔަބައި މިހުންގެ ތެރެއިން ވާހުށިކަމެވެ. އެއުރެންނަކީ ހަމަ ދިންނަވާނޭ މީހުންނެވެ.
އަހަރެމެންގެ ދީނަކީ ، ހެޔޮކަންތައްތައް ކުރުމަށް ގޮވާލާ އުއްމަތެއް ފަދައިން ހެޔޮކަންތައް ކުރުމަށް ޢަމުރުކުރަންޖެހޭނެ އުއްމަތެކެވެ.
އޭގެ މާނައަކީ ދީނުގައި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް ޢަމުރު ކޮށްފައި ވާނަމަ އެކަމަށް ކިޔަމަންވުމީ ލާޒިމުކަމެކެވެ. ހަމަ އެފަދައިން މިދީނަކީ މުންކަރާތްތައް މަނާކުރާ ދީނެވެ. މިދީނުގައި ހެޔޮކަމެއް ކުރުމުން ފާފަވެރިއެއް ނުވާނެއެވެ. ނަމަވެސް ނަހީ ކުރެއްވި ކަމެއް ކުރުމުން ފާފަވެރި ވާނެއެވެ. ހެޔޮ ކޮންމެ ޢަމަލަކީ ޘަވާބު ލިބޭކަމެކެވެ. ނަހީކުރެއްވި ކޮންމެ ކަމަކުން ޢަޒާބު ލިބޭނެ އެވެ. ހެޔޮކަމެއް ކުރުމަށް ހުވާ ކުރެވިދާނެ އެވެ. އެހެނަސް ނަހީކުރެއްވި ކަމެއް ކުރުމަށް ހުވައެއް ނުކުރެވޭނެ އެވެ. ނުބައިކަމެއް ކުރުމަށް ހުވާ ކޮށްފި ނަމަ އެކުރި ހުވަޔާއި އެއްގޮތަށް ޢަމަލު ކުރާކަށް ނުޖެހޭނެއެވެ.
އެއީ ނުބައި ކަމަކަށް ހުވާ ކުރުން މުސްލިމެއްގެ މައްޗަށް ހުއްދަ ނުވާނެތީއެވެ. ނަމަވެސް ހެޔޮ ކަމެއް ކުރުމަށް ހުވާ ކޮށްފި ނަމަ ހުވަޔާއި ޚިލާފު ވެގެން ނުވާނެއެވެ. އޭރުން ފާފަވެރި ވާނެއެވެ. އަދި ހުވަޔާއި ޚިލާފު ވިކަމަށްޓަކައި ، ކައްފާރާ ދޭންޖެހޭނެއެވެ.
ކަން އޮތީ މިގޮތަށް ކަމަށް ވިޔަސް އަހަރެމެންގެ މި އިސްލާމީ މުޖުތަމަޢުން ރެއާ ދުވާލު ތަކުރާރު ކޮށް ފެންނަމުން އިވެމުން މިދަނީ ، މި މަތިވެރި ދީނުގެ އަސާސްތަކާއި ޚިލާފު މަންޒަރުތަކެވެ. ހެޔޮކަންކަމަށް ގޮވާ އަޑު އިވެއެވެ. ހެޔޮކަންކަމަށް އަމުރުކުރާ އަޑު އިވޭ ހެއްޔެވެ؟ ނުބައި ކަންކަން މަނާ ކުރާ އަޑު އިވެއެވެ.
ނަމަވެސް ވައްކަމާއި ، މާރާމާރީ އާއި ފޭރުމާއި މީހުން މެރުމާއި ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ވިއްކާ މީހުންނާއި އެތަކެތިން މުޢާމަލާތްކުރާ މީހުންނާއި ޓްރެފިކް ކުރާ މީހުންނާއި ، މީސްތަކުންގެ ޢަބުރު ކަތިލުމާއި ، ދޮގުވާހަކަ ދެއްކުމާއި ދޮގުތުހުމަތުތައް ކުރުމާއި ޣީބަ ބުނުމާއި ފުރައްސާރަ ކުރުން ފަދަ ކަންކަމަށް ހުއްޓުމެއް ނުގެނެވެއެވެ. އެހުރިހާ ކަމެއް ވަނީ އިތުރެވެ. ހުޅަގުގެ ޑިމޮކްރަސީ ގެނައުމުން ޤައުމަށްވީ ފައިދާ ތޯ ގެއްލުންތޯ ބަހުޘް ކުރާނެ މީހަކު ނެތެވެ. ޑިމޮކްރަސީ ތަޢާރަފްކޮށް ތަންފީޛު ކުރަން ފެށި ފަހުން ދެ ވެރިކަމެއް ފާއިތު ވީއިރު ދައުލަތުގެ މުދަލާއި ފައިސާ އަށް ވީގޮތާއި ، ޤައުމުގެ މިނިވަންކަމަށާއި , ވެރިކަމުގެ ސިޔާދަތަށް ލިބުނު ގެއްލުން ރައީސް މައުމޫނު ޢަބްދުލްޤައްޔޫމުގެ ވެރިކަމާއި , އިބްރާހީމް ނާސިރުގެ ވެރިކަމާއި , މުޙައްމަދު ފަރީދު ގެ ރަސްކަމަށްވުރެ ގޯސްކަމަށް އެދުވަސްތައް ދެކެފައިވާ މީހުން ބުނެއެވެ.
އެހެންކަމުން ޤައުމު މިހިސާބަށް އައި އިރު ޕީއެންސީ އަށް މިދިވެހި ދައުލަތް ހިންގުމަށްޓަކައި ﷲ މިންވަރު ކޮށްދެއްވި ސަރުކާރުން މާޒީ ތަކުރާރު ނުވާނެ ގޮތަށް ވެރިކަން ކޮށްދިނުމަކީ ދިވެހިންގެ އާދޭހެކެވެ. ހެވަށް ގޮވާ ރަނގަޅުހާ ކަންތައްތަކަށް އަމުރުކުރާ ، އަދި އަމުރުކުރާ ގޮތަށް ޢަމަލު ނުކުރާ މީހުންނާއިމެދު ފިޔަވަޅުއަޅާ ، ނުބައިހާ ކަމެއް މަނާކުރާ އަދި އެކަމަށް ޤާބިލު ހިންގުންތެރި ސަރުކާރަކަށް ދެދުނިޔޭގައި ވެސް ލިބޭނީ ކާމިޔާބެވެ.



